މޯލްޑިވްސް ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވާން އެތަނުން އެދިއްޖެ އެވެ.
ޕޯސްޓް އޮފީހުން ބުނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޝާއިއުކުރަމުންދާ ބައެއް ޕޯސްޓުތަކުން ފެންނަ ގޮތުން، އެ އޮފީހުގެ ނަމުގައި އެކި ބާވަތުގެ ލިންކުތައް ހިމެނޭ ފޭކު މެސެޖުތައް ކަސްޓަމަރުންނަށް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ އޮފީހުގެ ފަރާތުން ކަސްޓަމަރުންގެ އައިޓަމްތައް ހަވާލުނުކުރެވޭ މެސެޖުތަކާއި، ވެރިފަރާތުގެ އައިޑީ ކާޑު ޔަގީން ކުރުމަށްޓަކައި ފޮނުވާ މެސެޖުތަކުގެ އިތުރުން ވެރި ފަރާތުގެ އެޑްރެސް ޔަގީން ކުރުމަށް ފޮނުވާ މެސެޖުތައް ވެސް ހިމެނޭ ކަމަށް ބުންޏެވެ.
އެހެންވެ އެފަދަ މެސެޖުތަކަށް އާންމުން ސަމާލުވެ، އެފަދަ މެސެޖެއް ލިބިއްޖެ ނަމަ އެންގުމަށް ޕޯސްޓް އޮފީހުން އެދިފައިވެ އެވެ.
ފަހަކަށް އައިސް އެކި އޮފީސްތަކުގެ ނަންނަމުގައި ފޭކު ސްކޭމް މެސެޖުތައް ފޮނުވައި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޮޑަށް އާންމުވެފައިވެ އެވެ.