އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 4،000 އަށް އަރައިފި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ގާޒާ އިން 4،137 މީހުން ޝަހީދުވެފައިވާއިރު އޭގެތެރެއިން 1،524 މީހުންނަކީ ކުޑަކުދިން ކަމަށެވެ. އަދި ޝަހީދުވި މީހުންގެ ތެރޭގައި 1،000 އަންހެނުން ވެސް ހިމެނޭއިރު ހަމަލާތަކުގައި އަނިޔާވި މީހުންގެ އަދަދު 13،000 އަށް ވުރެ މައްޗަށް އަރަ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން 81 މީހަކު ޝަހީދުވެފައިވާއިރު 1،300 މީހަކަށް ވަނީ އަނިޔާވެފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތައް ދޭން ފެށީ މި މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެގައުމަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެއާއެކު އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.
ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 1،403 އަށް އަރާފަ އެވެ. އަދި އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން މިވަގުތު ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.