ބަތަލާ ކަންގަނާ ރަނާވަތަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު ފުރަތަމަ ފިލްމު "ކްއީން" ގެ ސީކްއެލްއެއް ހެދުމަކީ އުންމީދެއް ކަމަށާއި އެކަމަކު އެ ފިލްމު ހަދާނީ އެ ކުޅެން ކަންގަނާ އެއްބަސްވާ ނަމަ ކަމަށް ޑައިރެކްޓަރު ވިކާސް ބާލް ބުނެފި އެވެ.
މިއަދު ސިނަމާތަކަށް ގެނައި ޓައިގާ ޝްރޮފާއި ކްރިތީ ސެނަންގެ "ގަނަޕަތު" ގެ ޑައިރެކްޓަރު ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި ބުނީ ހޭލާ ކޮންމެ ދުވަހަކީ "ކްއީން 2" ހެދުމުގެ އުންމީދާ ކުރިމަތިލާ ދުވަހެއް ކަމަށެވެ. އަދި "ކްއީން" ގެ ދެވަނަ ބައެއް ހަދަން ވަރަށް ގިނަ ފޭނުންގެ ފަރާތުން ވެސް ޑިމާންޑްކުރާ ކަމަށް ވިކާސް ބުންޏެވެ.
"އުންމީދު ކުރަން ކޮންމެވެސް ދުވަހަކުން އެ ފިލްމު އިއުލާން ކުރެވޭނެ ކަމަށް." މިދިޔަ އަހަރު "ގުޑް ބާއި" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.
ވިކާސް ބުނި ގޮތުގައި 2014 ގައި ގެނެސްދިން "ކްއީން" ގެ ވާހަކަ އިތުރަށް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ. އެކަމަކު އެ ފިލްމު ކުރިމަގު ގުޅިފައި އޮތީ ކަންގަނާއާ ކަމަށް ބުންޏެވެ.
"އޭނަ އެ ކުޅެން ބޭނުންވާ ނަމަ އަހަރެން ކްއީން ދޭއް ހަދަން ބޭނުން ވަނީ. އެހެން ނޫނީ ބޭނުމެއް ނޫން އެ ފިލްމު ހަދާކަށް،" ވިކާސް ބުންޏެވެ. "ކަންގަނާ އަކީ ވަރަށް މޮޅު ބަތަލާއެއް. އޭނައާ ނުލައި ކްއީން ދޭއް ނެހެދޭނެ."
ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކޮމެޑީ-ޑްރާމާ "ކްއީން" ގައި ކަންގަނާ ކުޅުނީ އިންނަން އުޅުނު މީހާ ކައިވެނީގެ ދެ ދުވަސް ކުރިން ކައިވެނި ކެންސަލްކުރުމުން ދުރާލައި ހަދާފައި އޮތް ހަނީމޫން ދަތުރަށް އެކަނިމާއެކަނި ދާ މީހެއްގެ ރޯލެވެ. އެގޮތުން މީގައި ކަންގަނާ ކުޅުނު ރާނީ މެހެރާގެ ކެރެކްޓާ އަކީ ބެލުންތެރިންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު ރޯލެކެވެ.
"ކްއީން" ގެ ކާސްޓްގައި ރާޖްކުމާރު ރާއޯ އާއި ލީޒާ ހޭޑަން ވެސް ހިމެނެ އެވެ. އެންމެ 12 ކްރޯޑް ރުޕީސް (1.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 101 ކްރޯޑް ރުޕީސް (12.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
މިހާތަނަށް ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ އޭނަ އަސްކަރީ ޕައިލެޓެއްގެ ރޯލު ކުޅެ އަންނަ ހުކުރު ދުވަހު ރިލީޒްކުރަން އޮތް ވަތަނީ ފިލްމު "ތޭޖާސް" އެވެ.