Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ފަލަސްތީނަށްޓަކައި ކަންނެއްޔެއް 12،000ރ. އަށް ގަނެފި

އިޒްރޭލުގެ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގެ ގޮތުން އައްޑޫގެ ޒުވާނަކު ކުޑަ ކަންނެލިއެއް 12،000ރ. އަށް ގަނެފި އެވެ.

ފަލަސްތީނަށް އެހީވުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫ ސްޕޯޓްސް ފިޝިން ކޮމިއުނިޓީން އިންތިޒާމު ކުރި މަސް ދަތުރުގައި ގިނަ އަދަދެއްގެ މަސް ބާނާފައިވާއިރު މަސް ގަތުމުގެ ފުރުސަތު އާންމުންނަށް ރޭ ވަނީ ހުޅުވާލާފަ އެވެ.

މަސް ދަތުރުގައި ބޭނި މަސް އެކި އަގުތަކުގައި އާންމުން ގަނެފައިވާއިރު އެންމެ ފާހަގަކޮށްލެވެނީ ކުޑަ ކަންނެލިއެއް ޒުވާނަކު 12،000ރ. އަށް ގަތުމެވެ.

ފަލަސްތީނަށް އެހީވުމުގެ ގޮތުން ފޭދޫ ސްޕޯޓްސް ފިޝިން ކޮމިއުނިޓީން ފަންޑު ފޮއްޓެއް ވެސް ބަހައްޓާފައިވެ އެވެ.

ފަލަސްތީނަށް އެހީވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގަމުންދާއިރު ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، (އައިއޭސީ) އިން ހުޅުވާފައިވާ ފަންޑަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.

އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 4،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.