Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އިތުރު ހޮސްޕިޓަލަކަށް ބޮން އަޅާނެކަމުގެ އިންޒާރު!

ފަލަސްތީނުގެ ގާޒާގެ އިތުރު ހޮސްޕިޓަލަކަށް ބޮން އަޅާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފި އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ ބޮން އަޅާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފައިވަނީ ގާޒާގެ އަލް ގުދުސް ހޮސްޕިޓަލަށް ކަމަށެވެ. އެ ހޮސްޕިޓަލުގައި ގެދޮރު ދޫކޮށް ގޮސްފައިވާ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން މިވަގުތު ތިބިއިރު އިޒްރޭލުން ވަނީ އެ ހޮސްޕިޓަލުން މީހުން މުޅިން ހުސްކުރަން އަންގައިފަ އެވެ.

އިޒްރޭލުން ދިން އިންޒާރުގެ ސަބަބުން ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި އިންޒާރާއި އެއްގޮތަށް އިޒްރޭލުން އަމަލުކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ހޮސްޕިޓަލު އަނދާ އަޅިއަށް ވާނެ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފައިވެ އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ވަނީ އިޒްރޭލުން ދޭ މިފަދަ އިންޒާރުތައް ހުއްޓުވުމުގެ ގާބިލުކަން ހުރި ދުނިޔޭގެ ގަދަ ބާރެއް ނެތީތޯ ސުވާލު އުފައްދާފަ އެވެ. އަދި މިކަން ސީރިއަސްކޮށް ނަގައި ފިޔަވަޅު އެޅުމަށާއި ނޫން ނަމަ ގާޒާގެ އަލް އަހްލީ ހޮސްޕިޓަލުގައި ހިނގި ފަދަ ހާދިސާއެއް ހިނގުމުގެ ބިރު އެބައޮތް ކަމަށްވެސް ބުނެފައިވެ އެވެ.

އިޒްރޭލުން މިދިޔަ ހަފްތާގައި އަލް އަހްލީ ހޮސްޕިޓަލަށް ދިން ވައިގެ ހަމަލާއެއްގައި ވަނީ 471 މީހަކު ޝަހީދުވެފަ އެވެ. ނަމަވެސް މި ހަމަލާގެ ޒިންމާ ނަގަން އިޒްރޭލުން ވަނީ ދެކޮޅު ހަދައިފަ އެވެ.