ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ ލިޔުނު ހަތަރު ވަނަ ފޮތް "ވެލްކަމް ޓު ޕެރަޑައިސް" ޕްރީ-އޯޑަރަށް ހުޅުވާލައިފި އެވެ.
މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް އޭނަ ބުނީ އާ ފޮތަކީ ވާހަކަ ކަލެކްޝަނެއް ކަމަށާއި މި ވާހަކަތަކާއި ތަފާތު ގުޅުންތައް ކިޔައިދޭނެ ކަމަށެވެ. ޓްވިންޓަކަލް ބުނި ގޮތުގައި "ވެލްކަމް ޓު ޕެރަޑައިސް" ގައި ހިމެނޭ ބައެއް ވާހަކަތަކުގައި ހިމެނޭ ކެރެކްޓާތަކަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ބޮލުގެ ތެރޭގައި އެނބުރެމުން ދިޔަ ކެރެކްޓާތަކެއް ކަމަށާއި މިހާރު މި އޮތީ މި ކެރެކްޓާތައް ކިޔުންތެރިންނަށް ދޫކޮށްލާ ވަގުތު ޖެހިފަ އެވެ.
އާ ފޮތް ޕްރީ-އޯޑަރަށް ހުޅުވައިލި ނަމަވެސް އެ ނެރޭނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ޓްވިންކަލް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ފޮތް ޕްރޮމޯޓް ވެސް ކުރަމުންނެވެ.
ސްކްރީން ރައިޓިން އިން މިދިޔަ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކުން މާސްޓާސް ޑިގްރީއެއް ހާސިލުކުރި ޓްވިންކަލް އެންމެ ފަހުން ނެރުނު ފޮތަކީ 2018 ގެ "ޕިޖާމާސް އާ ފޮގިވިން" އެވެ. އޭގެ ކުރިން 2016 ގައި "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަދާސު" އަދި 2015 ގައި "މިސްޓަ އެންޑް މިސިޒް ފަނީބޯންސް" ނެރުނެވެ.
އަކްޝޭގެ 2018 ގެ ފިލްމު "ޕެޑްމޭން" އަކީ "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދު" ގައި ހިމެނޭ ކުރު ވާހަކައަކަށް ބިނާކޮށް ޑައިރެކްޓަރު އާރް ބަލްކީ ހެދި ފިލްމެކެވެ. އަދި އެ ފޮތުގައި ހިމެނޭ ވާހަކަތަކުގެ ތެރެއިން "ސަލާމް ނޯނީ އައްޕާ" އަށް ބިނާކޮށް ފިލްމެއް ހަދަން މިދިޔަ އަހަރު އެޕްލޯސް އެންޓަޓައިންމަންޓުން އިއުލާންކޮށްފައިވެ އެވެ.
ދެހާސް އެކެއްގައި އަކްޝޭއާ ކައިވެނިކޮށް ފިލްމު ކުޅުން ހުއްޓައިލި ފަހުން ޓްވިންކަލް ހަރަކާތްތެރި ވަނީ ލިޔުންތެރިއެއްގެ ގޮތުގަ އެވެ. ޓައިމްސް އޮފް އިންޑިއާ އަށް ކޮލަމެއް ވެސް ލިޔާ ދެ ކުދިންގެ މަންމަ ޓްވިންކަލް އަކީ މަޝްހޫރު ތަރިން ކަމަށްވާ ޑިމްޕަލް ކަޕާޑިއާ އާއިު ރާޖޭޝް ކަންނާގެ ދަރިއެކެވެ.