Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

ޕާކިސްތާންގެ ފިލްމީ ފަންނާނުން އަލުން އިންޑިއާ އަށް

ކުރިއެކޭ އެއްގޮތަށް އަނެއްކާ ވެސް ޕާކިސްތާންގެ ފިލްމީ ފަންނާނުންނަށް އިންޑިއާގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެއްޖެ އެވެ.

މިކަން ފަހިވީ އިންޑިއާގެ ފިލްމީ ދާއިރާ ތަމްސީލުކުރާ ބަޔަކު، ޕާކިސްތާންގެ ފިލްމީ ފަންނާނުން އިންޑިއާގައި މަސައްކަތްކުރުން މަނާކުރުން ހުއްޓުވާފައި އޮތް މައްސަލައިގައި މުމްބާއި ހައި ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެންނެވެ. އެގޮތުން އޭގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް ކޯޓުން ވަނީ ޕާކިސްތާންގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތްކުރަން އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށް ކަނޑަޅައިފަ އެވެ.

ޕެޓިޝަންގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ މިހާރު ޕާކިސްތާގެ ކްރިކެޓް ކުޅުންތެރިންނަށް އެކި މިބާރާތްތަކުގައި އިންޑިއާ އަށް ގޮސް ކުޅުމުގެ ފުރުސަތު ލިބިދޭތީ، އެ ފުރުސަތު ފިލްމީ ފަންނާނުންނަށް ވެސް އޮންނަން ޖެހޭނެ ކަމަށެވެ. އެގޮތުން އެ ނުކުތާ އަށް މައިގަނޑު ގޮތެއްގައި ރިއާޔަތްކޮށް ކޯޓުން ނިންމީ ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިވާން މަގުފަހިވާ ކަންކަމަށް ފުރުސަތު އޮންނަން ވާނެ ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ޒަމާނުއްސުރެ އަދާވާތްތެރިކަން ބޮޑު ގައުމެކެވެ. ނަމަވެސް 2016 އާ ހަމައަށް އެ ގައުމުގެ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންނަށް އިންޑިއާ އިން ވަރަށް ތަނަވަސް ފުރުސަތުތަކެއް ހުޅުވިފައި އޮތެވެ. އެގޮތުން ޕާކިސްތާންގެ މަޝްހޫރު އެތައް ފަންނާނުނެއް އިންޑިއާގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްގެން، ބޮޑު މަޝްހޫރުކަމަކާއި މަގުބޫލު ކަމެއް ވެސް ހޯދާފައިވެ އެވެ.

އެ ގައުމުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތް ނުކުރެވޭ ގޮތަށް ހެދީ ޕާކިސްތާންގެ ޓެރަރިސްޓުންތަކެއް 2016 ގައި ދިން ވަރުގަދަ އުރީ ހަމަލާއާ ގުޅިގެންނެވެ.

އެ ދުވަސްވަރަކީ ޕާކިސްތާންގެ ފިލްމީ ތަރިންތަކެއް ކަމަށްވާ ފަވާދު ޚާނާއި މާހިރާ ޚާން ފަދަ ތަރިންގެ މަގުބޫލުކަން އިންޑިއާގައި ވަރަށް ބޮޑުވަމުން އައި ދުވަސްވަރެކެވެ. މާހިރާ އަކީ ޝާހްރުކް ޚާންގެ 2017 ގެ "ރައީސް" ބަތަލާ އެވެ. ފަވާދަކީ ކަރަން ޖޯހަރްގެ 2016 ގެ "އޭ ދިލް ހެ މުޝްކިލް" ގެ އެއް ބަތަލެވެ.