Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އިޓަލީގެ ބޮޑުވަޒީރު ލޯބިވެރިޔާއާ ރުޅިވެއްޖެ!

މިދިޔަ އަހަރު އިޓަލީގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ޖިއޯޖިއާ މެލޯނީ ލޯބިވެރިޔާ އެންޑްރިއާ ޖިއަންބްރޫނޯ ދޫކޮށްލައްވައިފި އެވެ.

ދެ މީހުންގެ 10 ވަރަކަށް އަހަރުވީ ގުޅުން ބޮޑުވަޒީރު ނިމުމަކަށް ގެންނެވީ ޓީވީ ހޯސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ބައިވެރިޔާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ދެ މީހުން ވަކިވެއްޖެ ވާހަކަ އިއްޔެ ހިއްސާކުރައްވައި މެލޯނީ، 46، ވިދާޅުވީ ދެ މީހަކު އެކީގައި ކިތަންމެ ދިގު މުއްދަތެއް ހޭދަކުރިޔަސް ދެ މީހުންގެ ރާސްތާ ތަފާތު ވެދާނެ ކަމަށާއި އެކަން އޭނަ އަށް މިހާރު ސާފުވެވަޑައިގެންފި ކަމަށެވެ.

މެލޯނީގެ އެ ވާހަކަތަކާ ގުޅިގެން ޖިއަންބްރޫނޯ، 41، ވިދާޅުވީ އެކީގައި ހޭދަކުރެއްވީ އުފާވެރި ދުވަސްތަކެއް ކަމަށާއި މެލޯނީގެ ހަޔާތުގެ ހިއްސާއަކަށް ހެއްދެވީތީ ޝުކުރު ވެސް އަދާކުރާ ކަމަށެވެ.

އެ މީހުންގެ ގުޅުމުގައި ސިއްކަ ޖެހި އިރު، އަންހެން ކުއްޖަކު ލިބިފައިވެ އެވެ. އެއީ މިހާރު 7 އަހަރުގެ ޖިނެވްރާ އެވެ. މެލޯނީ އާއި ޖިއަންބްރޫނޯ ދިމާވީ 2015 ގަ އެވެ.

އިޓަލީގެ ބޮޑުވަޒީރުކަމާ މެލޯނީ ހަވާލުވެވަޑައިތީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ. ކުރިން އެ ގައުމުގެ ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި މެލޯނީ އަކީ އިޓަލީގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖިއަންބްރޫނޯއާ ވަކިވެވަޑައިގަންނަވަން މެލޯނީ ނިންމެވީ އޭނަގެ ވަފާތެރިކަމާ ދޭތެރޭ ސުވާލު އުފެދުމާ ގުޅިގެންނެވެ. އެގޮތުން އެކީގައި މަސައްކަތްކުރާ ބައެއްގެ ގާތުގައި އެކި މީހުންނާ ލޯބީގެ ގުޅުން ބާއްވާ ވާހަކަ އާއި ގިނަ ބަޔަކާ އެކީ ޖިންސީ ގުޅުން ހިންގާ ކަމަށް ޖިއަންބްރޫނޯ ބުނާ ވާހަކަތަކެއް އާންމުވެފައިވެ އެވެ.