ޑިސެމްބަރު މަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ފިލްމު "ނޮވެމްބާ" ގެ ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) ގެ ތަފާތު ލުކެއް ދައްކާލައިފި އެވެ.
އެ ފިލްމު ގެނެސްދޭ ޑާކް ރެއިން އެންޓަޓައިންމަންޓުން އާންމުކުރި ފިލްމުގެ އާ ޕޯސްޓަރެއްގައި ހުނަރުވެރި ބަތަލާ ފެންނަނީ ބޮބް ކަޓެއްގައި ތަންކޮޅެއް "ރަސްޓިކް" ލުކެއްގަ އެވެ. މި ފިލްމަކީ މަޖޫ އާއި ޖުމައްޔިލް ނިމާލު (ޖުމަލް) ގެ މަގުބޫލު ކެމިސްޓްރީ އަލުން ފެންނާނެ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.
ޑިސެމްބަރު 4 ގައި "ނޮވެމްބާ" އޮލިމްޕަހުގައި ޕްރީމިއާކުރަން ނިންމާފައިވާ އިރު، މީގެ ޕްރޮމޯޝަންތައް ޑާކް ރެއިނުން އަންނަނީ ސޯޝަލް މީޑިއާގައި ހިންގަމުންނެވެ. އަހަރު ނިންމައިލާ ފިލްމުގެ ގޮތުގައި މި ފިލްމު ބެލުންތެރިންނަށް ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ތިން ވަނަ ފީޗާ ފިލްމެވެ. އަނެއް ދެ ފިލްމަކީ ފެބްރުއަރީގައި އޮލިމްޕަހުގައި އެޅުވި "ބީވީމާ" އާއި މާޗްގައި މީޑިއާނެޓް މެދުވެރިކޮށް ޑިޖިޓަލް ޕްރީމިއާއަކަށް ދިޔަ "ހިނދުކޮޅެއް" އެވެ.
މި އަހަރުގެ އުންމީދީ ފިލްމުތަކުގެ ލިސްޓްގައި ހިމެނޭ "ނޮވެމްބާ" އަކީ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
"ނޮވެމްބާ" އަކީ ޑާކް ރެއިންގެ އެންމެ އަގުބޮޑު ފިލްމެވެ. ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހު ވެސް ހިމެނޭ ގޮތަށް ބޮޑު ކާސްޓެއް ފެންނާނެ ފިލްމުގެ މަންޒަރުތައް ސިންގަޕޫރާއި އައްޑު އާއި ލ. އަތޮޅުގެ އިތުރުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ނަގާފައިވެ އެވެ. ފިލްމަށް ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.