Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

"ރާދާ މޯހަން" ގެ މަންޒަރުތަކެއް ރާއްޖެއިން

ޒީޓީވީން ގެނެސްދޭ ސިލްސިލާ "ޕިޔާރު ކާ ޕެހެލާ ނާމް: ރާދާ މޯހަން" ގެ މަންޒަރުތަކެއް ރާއްޖޭގައި ޝޫޓްކޮށް ގެނެސްދޭން ތައްރާވެއްޖެ އެވެ.

މި ހަފުތާގެ ހޯމައިން ފެށިގެން ސިލްސިލާގެ މުހިއްމު މަންޒަރުތަކެއް ރާއްޖެ އިން ފެންނާނެ އެވެ.

އެގޮތުން "ރާދާ މޯހަން" ގެ މި މަންޒަރުތައް ނަގާފައި ވަނީ ދެ ރިސޯޓެއްގަ އެވެ. އެއީ ސަން ސިޔާމު އިރުފުއްޓާއި އޮޅުވެލީގަ އެވެ. ރާއްޖޭގައި ނަގާފައިވާ މަންޒަރުތަކާ އެކީ ސިލްސިލާގެ ޕްރޮމޯތަކެއް ވެސް އަންނަނީ ދައްކަމުންނެވެ.

މީގެ އިތުރުން ރާއްޖެ އައި ތަރިންގެ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.

"ރާދާ މޯހަން" އަކީ ޒީޓީވީން މިދިޔަ އަހަރުގެ މެއި 2 އިން ފެށިގެން ދައްކަމުން އަންނަ ސިލްސިލާއެކެވެ. މީގެ ބަތަލަކީ ކުރިން ވެސް ކާމިޔާބު އެތައް ސިލްސިލާއެއް ކުޅެފައިވާ އަދި ބޮލީވުޑްގެ ފިލްމުތަކުން ވެސް ދޭތެރެ ދޭތެރެ އިން ސަޕޯޓިން ރޯލުތަކުން ފެންނަ ޝައްބީރު އަހުލުވާލީ އެވެ. އަދި ސިލްސިލާގެ ބަތަލާ ރާދާގެ ރޯލު ކުޅެނީ ނިހާރިކާ ރޯއި އެވެ.

މިހާތަނަށް 500 އެޕިސޯޑް ގެނެސްދީފައިވާ "ރާދާ މޯހަން" އަކީ ޒީޓީވީން މިހާރު ގެނެސްދޭ ސިލްސިލާތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ.