Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

މޮގާގެ ތައުރީފު މަޖޫ އަށް

ޑިސެމްބަރު މަހު ބެލުންތެރިންނަށް ދޫކޮށްލާ އަސަރު ގަދަ ލޯބީގެ ފިލްމު "ނޮވެމްބާ" އަކީ ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) ގެ ކެރިއަރުގެ އެންމެ ވަރުގަދަ އަދި އެންމެ މޮޅު އެކްޓިންއެއް ފެންނާނެ ފިލްމު ކަމަށް އޭގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ.

ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ގެނެސްދިން ޕްރޮޑިއުސަރު "އައްޑޫ ލައިވް" އަށް މިއަދު ދިން އިންޓަވިއުއެއްގައި ބުނީ "ނޮވެމްބާ" އަކީ މަޖޫގެ އެކްޓިން އެކަނި ބަލާލަން ވެސް ބެލުންތެރިން ދޫކޮށްލާވަރުގެ ފިލްމަކަށް ނުވާނެ ކަމަށެވެ. އަދި މިއީ ބެލުންތެރިން ހައިރާންކޮށްލާ ވަރުގެ ރޯލަކުން މަޖޫ ފެންނާނެ ފިލްމެއްކަމުގެ ޔަގީންކަން ދޭ ކަމަށް މޮގާ ބުންޏެވެ.

"އަހަންނަށް ވަރަށް ކެރިގެން ގެރެންޓީ ދެވިދާނެ މިއީ މަޖޫގެ އެންމެ މޮޅު ފިލްމަށް ވާނެ ކަމަށް،" އޭނަ ބުންޏެވެ. "މީގެ ކުރިން މަޖޫގެ ފަރާތުން ނުފެންނަ ވަރުގެ މޮޅު، ފުރިހަމަ ރޯލެއް މީގައި ކުޅެފައި ވަނީ. މީގައި ކުޅުނު ކެރެކްޓާ އަށް މަޖޫ ވަނީ ވަރަށް މޮޅަށް އިންސާފުކޮށް ދީފައި. އަހަންނަށް އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ މިއީ ކެރެކްޓާގެ ތެރެއަށް ވަރަށް ބޮޑަށް ވަދެގެން މަޖޫ އޭނަގެ މެކްސިމަމް ދިން ފިލްމެއްގެ ގޮތުގައި."

މޮގާ ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ އިރު، ސެޓްގައި މަޖޫގެ މަަސައްކަތް ބަލަން ހުރި އިރު ވެސް ފެންކަޅިވި އެތައް ހިނދުޅެއް ދިޔަ އެވެ.

"ވަރަށް ޔަގީން މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ. ޖެނެރަލް އޯޑިއަންސާ ވަރަށް ރިލޭޓްވާ ކަހަލަ ވާހަކައެއް ނޮވެމްބާ އިން ކިޔައިދޭނެ." އޭނަ ބުންޏެވެ.

މޮގާ ދިން އަނެއް ޔަގީން ކަމަކީ އާންމުކޮށް ދިވެހި ފިލްމުތަކުގެ ޕްލޮޓް ބޭރުގެ ފިލްމުތައް ކޮޕީކޮށްގެން ގެނެސްދޭ ކަމަށް ވާހަކަ ދެކެވޭތީ، އެއަށް ދެވޭ ފުރިހަމަ ރައްދަކަށް ވެސް ވާނެ ކަމެވެ.

"މިއީ ސީދީ އޮރިޖިނަލް ސްޓޯރީއެއް. މީތި ބޭރުގެ އެއްވެސް ފިލްމަކާ އެއްގޮތެއް ނުވާނެ. އެ ޔަގީންކަން ދޭން އަހަރެން ޖެހިލުމެއް ނުވޭ،" އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމާ ބެހޭ ގޮތުން އޭނަ ބުންޏެވެ. "އަހަރެން އޯޑިއަންސަށް ދޭން އޮތް މެސެޖަކީ ނޮވެމްބާ އަކީ ސިނަމާގައި ވަރަށް ހަމަޖެހިލައިލަން ހިމޭންކަމާ އެކީ އިނދެގެން ބަލަން ޖެހޭ ކަހަލަ ފިލްމެކޭ. މީގެ ވާގަކައިގެ ތެރެއަށް ވަދެވޭނީ އެ ހަމަހިމޭންކަމާ އެކީ. އެހެންވެ ފިލްމު ބަލާ އިރު، އެކަމަށް ވިސްނުން ވަރަށް މުހިއްމު ކަމަކަށް ވާނެ."

"ނޮވެމްބާ" އަކީ މި ފަހުން ދިވެހި ސްކްރީނުން އެންމެ ބޮޑު މަގުބޫލު ހޯދި ޖޯޑު އެކީގައި ފެންނާނެ ފިލްމެކެވެ. އެއީ މަޖޫ އާއި ޖުމައްލަޔިލް ނިމާލު (ޖުމަލް) އެވެ. މި ދެ ތަރިންގެ ކެމިސްޓްރީގެ ޖާދޫ ފެނުނު ފިލްމުތަކުގެ ތެރޭގައި "އެންމެ ފަހު ވިންދާ ޖެހެންދެން" އާއި "ވާށޭ މަށާއެކީ" ފާހަގަކޮށްލެވެ އެވެ.

ޑާކް ރެއިނުން މި "ނޮވެމްބާ" ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، މި ފިލްމަކީ އައިޝަތު ފުއާދާއި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހު ވެސް ހިމެނޭ ގޮތަށް ބޮޑު ކާސްޓެއް ފެންނާނެ ފިލްމުގެ މަންޒަރުތައް ސިންގަޕޫރާއި އައްޑު އާއި ލ. އަތޮޅުގެ އިތުރުން ބައެއް އެހެން ހިސާބުތަކުގައި ވެސް ނަގާފައިވެ އެވެ.

ފިލްމަށް ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. "ނޮވެމްބާ" އަކީ ޑާކް ރެއިންގެ އެންމެ އަގުބޮޑު ފިލްމެވެ.

"މި ފިލްމަކީ މިހާތަނަށް ހެދުނު އެންމެ ހިތްހަމަޖެހޭ ފިލްމު." ޑާކް ރެއިންގެ 17 އަހަރުވީ ތާރީހަށް އިޝާރާތްކޮށް މޮގާ ބުންޏެވެ.