ޖަމިއްޔަތުއްސަލަފްގެ ޗީފް މާކެޓިން އޮފިސަރު އަލީ ރަމީޒަކީ ކާކުކަން އެނގޭ ކަމަށާއި، އަދި އޭނާ ކުރާ ކަންކަންވެސް އެނގޭކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އަލީ ރަމީޒަށް ފާޑު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން، އަލީ ރަމީޒަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ އަލީ ރަމީޒް، މިނިސްޓަރު އިމްރާނަށް ފާޑުކިޔާ ޓްވީޓްކުރުމުން އެ ކަމަށް ރައްދު ދެއްވައެވެ.
މިނިސްޓަރު އިމްރާން ކުރި ޓްވީޓްގައި ވިދާޅުވީ އަލީރަމީޒަކީ ކާކުކަމާއި، ކުރަނީ ކޮން ކަމެއްކަން އެނގޭ ކަމަށެވެ. ނަމަވެސް ކުރިންވެސް އެއްޗެއް ނުބުނެ ހުންނެވި ކަމަށާއި އަދި މިހާރުވެސް އެވާހަކަ ދައްކާކަށް ނެތިން ކަމަށް އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެމީހުންގެ މެދުގައި ނިޔާކުރައްވާނީ މާތް الله." އިމްރާންގެ ޓްވީޓްގައިވެއެވެ.
އަލީރަމީޒަކީ ކާކުކަން، ކުރަނީ ކޮން ކަމެއްކަން އަޅުގަޑައް އެނގޭ.
ނަމަވެސް ކުރިންވެސް އެއްޗެއް ނުބުނަން އަދި މިހާރުވެސް އެވާހަކަ ދައްކާކަށް ނެތިން.
އަޅުގަނޑުމެން ދެމީހުންގެ މެދުގައި ނިޔާކުރައްވާނީ މާތް الله. https://t.co/8CxIfMHoov— Imran Abdulla (@ShimranAb) October 21, 2023
އިމްރާން މިފަދައިން ޓްވީޓްކޮށްފައިވަނީ އޭނާއަށް ފާޑުކިޔާ އަލީ ރަމީޒް ކުރި ޓްވީޓަކާ ގުޅިގެންނެވެ.
އެގޮތުން 2021 ވަނަ އަހަރު ފަލަސްތީނުގެ ދިފާއުގައި މާލޭގައި ބާއްވަންއުޅުނު ސައިކަލު ބުރެއް ހުއްޓުވި ފާހަގަކޮށް އަލީ ރަމީޒް ބުނެފައިވަނީ އާރާއި ބާރުގައި ހުރިއިރު އެކަން ހުއްޓުވާފައި، ބާރުވެރިކަން ނެތެމުންދާ ދަނޑިވަޅުގައި "ފަލަސްތީން، ފަލަސްތީން، ފަލަސްތީން" ކިޔަމުން ނުކުންނާނީ އެއްވެސް "ގޮތެއް ފޮތެއް" ނެތީމައި ކަމަށެވެ.