Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ގާޒާ އަށް ތެޔޮ އެތެރެ ކުރުން އިޒްރޭލުން މަނާކޮށްފި

ފަލަސްތީނުގެ ގާޒާ އަށް ތެޔޮ އެތެރެ ކުރަން ހުއްދަ ނުދޭނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

ގާޒާ އަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިސްރުން ކޮންޓްރޯލް ކުރާ ރަފާހް ބޯޑަރު ވަގުތީ ގޮތުން ހުޅުވާލާފައިވާއިރު އެހީގެ ތަކެތި ގާޒާ އަށް ގެންދިޔުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި މަސައްކަތް ކުރަމުންދާއިރު އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ވިދާޅުވީ ގާޒާ އަށް އެތެރެކުރަން ހުއްދަ ދޭނީ ހަމައެކަނި ކާތަކެއްޗާއި، ފެނާއި ސިއްހީ ސާމާނަށް ކަމަށެވެ. ނަމަވެސް ގާޒާ އަށް ތެޔޮ އެތެރެ ނުކުރެވޭނެ ކަމަށް ހަގާރީ ވިދާޅުވި އެވެ.

އިޒްރޭލުން މިހެން ބުނެފައިވާއިރު ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (ޔޫއެންއާރްޑަބްލިއުއޭ) ވަނީ ގާޒާ އަށް ތެލުގެ މުހިއްމުކަން މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެ ޖަމިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށާއި އާންމުންނަށް ފެން ފޯރުކޮށްދިނުމަށް ވެސް ތެލުގެ މުހިއްމުކަން އެ ޖަމިއްޔާ އިން ފާހަގަކުރެ އެވެ.

މީގެއިތުރުން އެ ޖަމިއްޔާ އިން ވަނީ ގާޒާ އަށް އެހީ ފޯރުކޮށްދިނުމަކީ އެއް ފަހަރު ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކުރާ ކަމަކަށް ހެދުމަށް ވެސް ގޮވާލާފަ އެވެ.

އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން 4،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.