އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު އެވަޓަން 2-0 އިން ބަލިކޮށް ލީގުގެ އެއްވަނަ އަށް ލިވަޕޫލުން އަރައިފި އެވެ.
މި މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 9 މެޗުން ލިބުނު 20 ޕޮއިންޓާ އެކު އެވެ. ލިވަޕޫލަށް ވުރެ އެއް މެޗުން މަދުން ކުޅެ ދެވަނައިގައި އޮތް ޓޮޓެންހަމް އަދި ތިންވަނައިގައި އޮތް އާސެނަލަށް ވެސް 20 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ލިވަޕޫލް އަތުން ބަލިވި އެވަޓަން އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މެޗުގެ 39 ވަނަ މިނެޓްގައި ރެފްރީ ވަނީ އެވަޓަންގެ ޑިފެންޑަރު އޭޝްލީ ޔަންގަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފަ އެވެ. ޔަންގަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ލިވަޕޫލްގެ ލުއިސް ޑިއާޒަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު އެވަޓަން އިން ކުޅެން ޖެހުނުއިރު ލިވަޕޫލްގެ ފުރަތަމަ ގޯލު މެޗުގެ 75 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ކާމިޔާބުކޮށްދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ލިވަޕޫލަށް ލިބުނީ އެވަޓަންގެ ޑިފެންޑަރު މައިކަލް ކީންގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.
މި ގޯލަށްފަހު ވެސް ލިވަޕޫލުން ދިޔައީ އެވަޓަންގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ސަލާހު ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ. ލިވަޕޫލުން އުފެއްދި ކައުންޓަ އެޓޭކެއްގައި ސަލާހު މި ގޯލު ކާމިޔާބު ކުރީ ޑާވިން ނުނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތް ނަމަވެސް މިރޭ ޗެލްސީގެ މައްޗަށް އާސެނަލުން ކުރި ހޯދައިފިނަމަ ލީގުގެ އެއްވަނަ އާސެނަލަށް ލިބޭނެ އެވެ. އެ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9:30 ގަ އެވެ.