Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ގާޒާ އިން ގިނައިން ޝަހީދުވީ ކުޑަކުދިންނާއި އަންހެނުން

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން ޝަހީދުވި ގިނަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ގާޒާ އިން ޝަހީދުވި 70 ޕަސެންޓު މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލަތާކުގައި ގާޒާ އިން 4،385 މީހަކު ޝަހީދުވެފައިވާއިރު އޭގެތެރޭގައި 1،756 ކުޑަކުދިންނާއި 967 އަންހެނުން ހިމެނެ އެވެ. އަދި 13،561 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

މީގެއިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރިން 84 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކުގައި އެގައުމުގެ 1،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އިޒްރޭލުގެ 210 މީހަކު މިވަގުތު ތިބީ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގަ އެވެ.