އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މި ނަތީޖާއާއެކު 9 މެޗުން ލިބުނު 12 ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ 10 ވަނައިގަ އެވެ. އާސެނަލް އޮތީ 9 މެޗުން ލިބުނު 21 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ.
ރޭގެ މެޗުގެ 15 ވަނަ މިނެޓްގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން ކޯލް ޕާމާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މި ޕެނަލްޓީ ޗެލްސީ އަށް ލިބުނީ އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ. އަދި ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް މިކައިލޯ މުޑްރިކްގެ ހިތްގައިމު ގޯލުން ޗެލްސީން ލީޑު ފުޅާކުރި އެވެ. މި ގޯލަށްފަހު ލީޑު އިތުރަށް ފުޅާކޮށްލަން ޗެލްސީގެ ޕާމާ އަދި ނިކޮލަސް ޖެކްސަނަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.
ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 77 ވަނަ މިނެޓްގައި އާސެނަލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ޑެކްލަން ރައިސް އެވެ. އަދި މެޗުގެ 84 ވަނަ މިނެޓްގައި ލިއަންޑްރޯ ޓްރޮސާޑް އާސެނަލަށް ނަތީޖާ އެއްވަރުކޮށްދިން އިރު މި މެޗުން އާސެނަލް މޮޅުކޮށްދޭން އެޓީމުގެ ޒުވާން ފޯވާޑް އެޑީ އެންކެޓިއާ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީން ވަނީ ބްރައިޓަންގެ މައްޗަށް 2-1 އިން ކުރި ހޯދާ ލީގުގެ އެއްވަނަ އަށް އަރާފަ އެވެ. ސިޓީ ލީގުގެ އެއްވަނައިގައި އޮތީ 21 ޕޮއިންޓާ އެކު ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ލީގުގެ އަށްވަނަ އަށް އަރާފައިވާއިރު ނިއުކާސަލް ޔުނައިޓެޑުން ވަނީ 4-0 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފަ އެވެ.