Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

ރޯހިތުގެ ވެބް ސީރީޒް ޖެނުއަރީގައި

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ، އެމެޒޯން ޕްރައިމްއާ ގުޅިގެން ހަދާ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގެ ޕޯސްޓަރު ދައްކާލައި، އެ ސްޓްރީމްކުރަން ފަށާ ތާރީހު އިއުލާންކޮށްފި އެވެ.

އޭނަގެ ކޮޕް ޔުނިވާސް އަށް ނިސްބަތްވާ އަލަތު ސީރީޒް ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ ޖެނުއަރީ 19 ގަ އެވެ. "އިންޑިއަން ޕޮލިސް ފޯސް" ގެ ލީޑް ތަރި އަކީ ސިދާތު މަލްއުތުރާ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ޝިލްޕާ ޝެޓީ އަދި ވިވެކް އޮބެރޯއީ ވެސް ހިމެނެ އެވެ.

މި ސީރީޒްގެ މަސައްކަތް ރޯހިތު ފެށީ މިދިޔަ އަހަރުގެ އެޕްރީލްގެ ތެރޭގަ އެވެ.

އޭނަ މިހާރު އަންނަނީ އަޖޭ ދޭވްގަނާ އެކީ ހަދަމުން އަންނަ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ "ސިންގަމް އެގެއިން" ގެ މަސައްކަތްކުރަމުންނެވެ. އަންނަ އަހަރުގެ އޮގަސްޓްގެ ތެރޭގައި ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯން، ޓައިގާ ޝްރޮފް، ރަންވީރު ސިންގް (ސިމްބާ) އަދި އަކްޝޭ ކުމާރު (ސޫރިއަވަންޝީ) ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސިންގަމް އެގެއިން" ގެ ވިލަން އަކީ އަރުޖުން ކަޕޫރެވެ.

"ގޯލްމާލް" ފްރެންޗައިޒްގެ މޭސްތިރިޔާ ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރަންވީރާ އެކީ ގެނެސްދިން ކޮމެޑީ ފިލްމު "ސާކަސް" އެވެ.