Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

އާ ޖޭމްސް ބޮންޑެއް ހޯދާކަށް އަދި ނުފަށަން

ޖޭމްސް ބޮންޑްގެ ރޯލު ދެން ކުޅޭނެ އެކްޓަރަކު ހޯދުމުގެ މަސައްކަތް އަދި ނުފަށާ ކަމަށާއި އެކަމަކު އެކަމަށް ކުރަން ޖެހޭ މަސައްކަތް ބޮޑު ކަމަށް ގަބޫލުކުރާ ކަމަށް ޕްރޮޑިއުސަރު ބާބަރާ ބްރޮކޮލީ ބުނެފި އެވެ.

ބޮންޑްގެ ރޯލަށް އާ އެކްޓަރު ހޯދަން ޖެހުނީ 2021 ގައި ރިލީޒްކުރި، އެ ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާ އެކީ އެކްޓަރު ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލަށް އަލްވަދާއި ކިޔާފައިވާތީ އެވެ. އޭނަ ވަނީ ޖުމްލަ ފަސް ފިލްމެއްގައި ބޮންޑްގެ ރޯލު ކުޅެގެން ބެލުންތެރިންގެ ލޯބި ހޯދައިފަ އެވެ.

ޖޭމްސް ބޮންޑް މީގެ 61 އަހަރު ކުރިން 1962 ގައި ސްކްރީނަށް ގެންނަން ފެށި ފަހުން، އެކި ދުވަސްވަރު އެކި އެކްޓަރުން އެ "އައިކޮނިކް" ކެރެކްޓާ ކުޅެފައިވެ އެވެ.

ގާޑިއަން އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ބާބަރާ ބުނީ ޑެނިއަލް އަށް ފަހު، އާ ބޮންޑަކު ހޯދަން ކުރާ މަސައްކަތަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ އެ މީހުންނަށް މިހާރު އޮތީ ދިގު ރާސްތާއެއް ކަނޑައްތު ކުރަން ޖެހިފައި ކަމަށް ބުންޏެވެ.

"އެކަމަކު އެ މަސައްކަތް އަހަރެމެން އަދިއެއް ނުފަށަން." އޭނަ ބުންޏެވެ.

ބާބަރާ ބުނި ގޮތުގައި ބޮންޑްގެ ރޯލަށް ދެން ވެސް ހޯދާނީ ޒަމާނަށް ފެތޭ އަދި 21 ވަނަ ގަރުނުގެ ރަހަ ހެޔޮވަރުކޮށްދޭ ފެންވަރުގެ އެކްޓަރެކެވެ.

"އަހަރެމެން ގަބޫލުކުރާ ގޮތުގައި ޑެނިއަލް ވަނީ ބޮންޑްގެ ރޯލަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައި. އެހެންވީމަ ދެން ވެސް ހޯދާނީ ހަމަ ބެލުންތެރިން ބަލައިގަންނާނެ ވަރުގެ އެކްޓަރެއް." އޭނަ ބުންޏެވެ.

ޑެނިއަލް ބޮންޑްގެ ރޯލު ކުޅުނު ފިލްމުތަކަކީ "ނޯ ޓައިމް ޓު ޑައި" ގެ އިތުރުން ސްޕެކްޓާ (2015)، ސްކައިފޯލް (2012)، ކްއަންޓަމް އޮފް ސޮލޭސް (2008) އަދި ކެސިނޯ ރޯޔޭލް (2006) އެވެ.

ޑެނިއަލް ބޮންޑްގެ ރޯލު ދޫކޮށްލަން އުޅޭކަން 2017 ގައި އިއުލާންކުރި ފަހުން، އެ ރޯލުން ދެން ފެންނާނެ ކަމަށް ބުނެ އެތައް އެކްޓަރުންގެ ވާހަކަ މިހާތަނަށް މީޑިއާތަކުގައި ދެކެވިފައިވެ އެވެ. އޭގެ ތެރޭގައި ޓޮމް ހާޑީ، ހެންރީ ކެވިލް، އިޑްރިސް އެލްބާ، ޖެމީ ޑޯނަން އަދި ޖެކޮބް އެލޯޑީ ފަދަ ތަރިން ހިމެނެ އެވެ.

ޖޭމްސް ބޮންޑްގެ ފުރަގަމަ ފިލްމަކީ 1962 ގެ "ޑރ. ނޯ" އެވެ. އޭގެ ޓައިޓްލް ރޯލު ކުޅުނީ 2020 ގައި މަރުވި އެކްޓަރު ޝޯން ކޮނެރީ އެވެ.