Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ނަޝީދު ވަކިކުރުމުގެ މައްސަލަ އާދީއްތަ އަށް ތާވަލުކޮށްފި

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 49 މެންބަރަކު ސޮއިކޮށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ މައްސަލައިގައި ރައީސް ނަޝީދަށް އަރުވަންޖެހޭ 14 ދުވަހުގެ ނޯޓިސްވެސް މަޖިލީހުން ވަނީ ދީފައެވެ. އަދި މަޖިލީހުގެ ގަވައިދާ އެއްގޮތަށް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލީހުގެ ގަވައިދު ބުނަނީ ނޯޓިސް އަރުވާތާ 14 ދުވަސް ފަހުން މައްސަލަ އެޖެންޑާ ކުރަންޖެހޭނެ ކަމަށެވެ. މަޖިލީހުގެ އިދާރާއިން މިއަދު ބުނެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފައިވާ ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމުގައި އާންމު ކޮމިޓީން ނިންމާފައިވަނީ މައްސަލައިގެ ޖުމުލަ ބަހުސަށް ދެ ގަޑިއިރު ދިނުމަށެވެ. އަދި ޖަވާބުދާރީ ވުމަށް ބަހުސްގެ ފެށުމުން، މެދުތެރެއިން އަދި ނިމުމުން ރައީސް ނަޝީދަށް 10 މިނެޓްގެ ތިން ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.