Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

އާމިރުގެ "ބައްޕަ" ދެ މަހަށް ޖަލަށް!

މަސްތުވެެގެން އިނދެ ދުއްވި ކާރެއް އެކްސިޑެންޓްވެ، މީހަކު އަނިޔާވި މައްސަލާގައި އިންޑިއާގެ ފިލްމީ ތަރި ދަލިޕް ތާހިލް އަށް ދެ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މުމްބާއީގައި 2018 ގައި ހިނގި އެ ހާދިސާގައި 70 އަހަރުގެ އެކްޓަރު ދުއްވި ކާރު ކޮންޓްރޯލުން ނައްޓާލައިގެން ގޮސް ކްރޮޅިއެއްގައި ޖެހި އޭގައި އިން އަންހެނަކަށް އަނިޔާވެފައިވެ އެވެ.

މިހާތަނަށް އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ ދަލިޕް އަކީ މަޝްހޫރު ތަރި އާމިރު ޚާންގެ ފުރަތަމަ ފިލްމު 1988 ގެ "ގަޔާމަތު ސޭ ގަޔާމަތު ތަކު" ގައި އޭނަގެ ބައްޕަގެ ރޯލު ކުޅުނު އެކްޓަރެވެ. ތަޖުރިބާކާރު އެކްޓަރުގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "ބާޒީގަރް"، "ރާޖާ"، "ހަމް ހެ ރަހީ ޕިޔާރު ކޭ"، "ގުޕްތު"، "ޑަރު"، "އިޝްގު"، "ޖުޅުވާ" އަދި "މަން" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ޓީވީ ސިލްސިލާތަކާއި ވެބް ސީރީޒްތަކެއް ވެސް ކުޅެފައިވާ ދަލިޕް އެންމެ ފަހުން ފެނިފައުވާ ފިލްމަކީ މިދިޔަ އަހަރުގެ "ހިޓް: ދަ ފަސްޓް ކްލާސް" އެވެ.