ދިވެހިންގެ އެހީގައި ފަލަސްތީނުގައި ބިނާކުރަމުން އަންނަ ފުރަތަމަ މިސްކިތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފި އެވެ.
"މަސްޖިދުލް ޤުއްދޫސް" ގެ ނަމުގައި ބިނާކުރަމު އަންނަ އެ މިސްކިތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެ ޖަމާއަތުން ބުނީ މި މަހުގެ 7 އާ ހަމައަށް އެތަނުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހުރހާ މަސައްކަތެއް ވަނީ އެއްކޮށް ނިމިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިއްކުމާއި ބެކްފިލިންގ އާއި ކޮންކްރީޓް މަސައްކަތުގެ އިތުރުން އަދި ރޭނުމުގެ މަސައްކަތެވެ.
މި މިސްކިތަކީ ތިން ބުރިއަށް ހަދާ 1،100 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އައިއޭސީން ބުނި ގޮތުގައި މިސްކިތް ބިނާކުރާ ސަރަހައްދު ކަމަށްވާ އަލްތުއްފާޙް (އިރުމަތީ ޣައްޒާ) ސަރަހައްދަކީ މިހާރު އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ވަނީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިފައި އޮތް ސަރަހައްދެއް ކަމަށެވެ. ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާތައް ދެމުން ދަނީ މި މަހުގެ 7 އިން ފެށިގެންނެވެ.
އައިއޭސީން ބުނީ ދިވެހިންގެ ފަރާތުން ފަލަސްތީނުގައި ބިނާކުރާ މިސްކިތް ހިމެނޭ ސަރަހައްދު ނުރައްކަލުގެ ތެރޭގައި އޮތް ނަމަވެސް އިއްޔެއާ ހަމައަށް މިސްކިތަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
"ހުރިހާ ބޭފުޅުން ވެސް ޣައްޒާގެ ރައްޔިތުންނަށް ހެޔޮ ދުޢާ ކުރުމަގައި ދެމިތިއްބަވާ." އެ ޖަމާއަތުން ބުންޏެވެ.
ދިވެހިންގެ ފަރާތުން ފަލަސްތީނުގައި މިސްކިތެއް ބިނާކުރަމުން އަންނަ އިރު، ސީރިއާގައި މިސްކިތެއް ބިނާކޮށް މިދިޔަ މަހު އެ މިސްކިިތް ހުޅުވާފައިވެ އެވެ. ޖުމްލަ 500 މީހުންގެ ޖާގައިގެ އަދި "މަސްޖިދު އައްސަލާމް" ގެ ނަން ދީފައިވާ އެ މިސްކިތަކީ އައިއޭސީގެ "ތަޖްރީ" ކެމްޕޭންގެ ދަށުން ދިވެހިންގެ އެހީގައި ބިނާކުރި މިސްކިތެކެވެ.