149 ކެންޑިޑޭޓުންނާއެކު މިއަހަރުގެ ބާ އިމްތިހާން ކުރިއަށް ގެންގޮސްފިއެވެ.
ބާ ކައުންސިލުން ބުނެފައިވަނީ ބާ އިމްތިހާނު 21 އޮކްޓޫބަރުގައި ކުރިއަށް ގެންދިޔައިރު މާލެ ސިޓީގައި އިމްތިހާނު އިންތިޒާމު ކޮށްފައިވަނީ 150 ކެންޑިޑޭޓުންނަށް ކަމަށެވެ. އެހެންނަމަވެސް އެއް ކެންޑިޑޭޓެއް ހާޒިރު ނުވުމުން އިމްތިހާނުގައި ބައިވެރިވީ 149 ކެންޑިޑޭޓުން ކަމަށެވެ.
ބާ ކައުންސިލުން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ބާ އިމްތިހާބު ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލް އަދި އިނގިރޭސިވިލާތުގެ ސޮލިސިޓަރސް އިމްތިހާނު ފަރުމާކުރައްވާ ކެޕްލާން ފައިނޭންޝަލް ލިމިޓެޑް ގުޅިގެން ކަމަށެވެ. ބާ ކައުންސިލުން ބުނެފައިވަނީ މި އިމްތިހާނަކީ ރާއްޖޭގައި ޤާނޫނީ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ޤާނޫނީ އިލްމާއި ހުނަރު އަލަށް ނުކުންނަ ޤާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށާއި ފެންވަރު ވަޒަންކުރުމަށް ދެވޭ، ޤާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ 'މިނިމަމް ބެންޗްމާކް' ކަނޑައަޅާ އިމްތިހާނެއް ކަމަށެވެ.
މި އަހަރުގެ ބާ އިމްތިހާނަކީ އިނގިރޭސީ އަދި ދިވެހި ބަހުން ތައްޔާރު ކުރެވިފައިވާ 120 'މަލްޓިޕްލް-ޗޮއިސް' ސުވާލުގެ އިމްތިހާނެކެވެ. މި އިމްތިހާނުގެ ސުވާލުތައް އަމާޒުކުރެވިފައިވަނީ ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމްއަށެވެ.