Last Updated: April 28, 17:08
Sunday, April 28, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

މަޖިލީހުގެ ޕޭމާ އިން ފުރަތަމަ ފަހަރަށް އުމްރާ ދަތުރެއް

އުމްރާ ދަތުރު ނައިމް އާއި ހަވާލު ކުރަނީ / ފޮޓޯ:ޕޭމާ

ރައްޔިތުންގެ މަޖިލީހުގެ ރެކްރިއޭޝަން ކްލަބް (ޕޭމާ) އިން ފުރަތަމަ ފަހަރަށް އެ ކްލަބުގެ މެންބަރަކަށް އުމްރާ ދަތުރެއް ހަދިޔާކޮށްފިއެވެ.

ޕޭމާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެއިދާރާގެ މުވައްޒަފުން ހިމެނޭ ގޮތަށް އުފައްދާފައިވާ ކްލަބެކެވެ. އެ ކްލަބުގެ ފަރާތުން މެންބަރުންނަށް އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވަނީ އެކްލަބަށް މިއަހަރު އިންތިހާބުވި ހިންގާ ކޮމެޓީގެ ރައީސް އަދި ނައިބް ރައީސްގެ ވަޢުދެއްގެ ތެރެއިންނެވެ. މިގޮތުން އުމްރާ ދަތުރު ދީފައިވަނީ މީގެ ކުރިން އުމްރާއަށް ނުދާ ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުންނެވެ.

އުމްރާ ދަތުރު ލިބިފައިވަނީ އެ އިދާރާގެ މެއިޓެނެންސް ސެކްޝަނުގައި މަސައްކަތް ކުރާ މުހައްމަދު ނައީމް އަށެވެ. ނައީމްއަށް ލިބިފައިވަނީ 15 ދުވަހުގެ ޢުމްރާ ދަތުރެއް ކަމަށް ޕޭމާ އިން ބުނެއެވެ. އޭނާއަށް މި ދަތުރު ހަވާލުކޮށްދެއްވީ މަޖިލީހުގެ ސެކެރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާއެވެ. ނައީމް މަޖިލީހާއި ގުޅިފައިވަނީ 2000 ވަނަ އަހަރު އެވެ. މި އުމްރާ ދަތުރު ލިބުމާއި ގުޅިގެން އޭނާ ވަނީ މިއީ އެއްވެސް ވަރަކަށް އުއްމީދު ކުރިން ކަމެއް ނޫން ކަމަށް ބުނެފައެވެ.


މިއުމްރާ ދަތުރާއި ގުޅޭގޮތުން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ އަދި ޕޭމާގެ ނައިބް ރައީސް ހަސަން ޒިޔާއު ވިދާޅުވީ، މިއީ އެކްލަބުގެ ދިގު ތަރީހުގައިވެސް މެންބަރުންނަށް އަމާޒުކޮށް އުމްރާ ދަތުރެއް ދިން ފުރަތަމަ ފަހަރު ކަމަށެވެ.

"މިއީ ޕެމާގެ ތާރީޚްގައިވެސް މެންބަރުންނަށް އަމާޒުކޮށް މިގޮތަށް އުމްރާ ދަތުރެއް ދިން ފުރަތަމަ ފަހަރު. މިއީ އަޅުގަނޑުމެން ޕެމާގެ އިންތިޚާބުގައި ވީ ވަޢުދެއް. ވަޢުދު ފުއްދޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މިފަދަ އިތުރު ފުރުސަތުތައް ޕެމާގެ މެންބަރުންނަށް ހޯދައިދިނުން" ޒިޔާއު ވިދާޅުވިއެވެ.

ޕެމާ ކްލަބެއްގެ ގޮތުގައި ފުރަތަމަ ރެޖިސްޓަރ ކުރެވުނީ 2018 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ ކުރިންވެސް 2005 ވަނަ އަހަރުން ފެށިގެން ޕޭމާ އައީ އެކި މަސައްކަތްތައް ކުރަމުންނެވެ.