ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޓީސީސީން ބުނެފައިވަނީ ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތް މިހާރު 90 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، ނެރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 32,721 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3,817 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 232 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި ލުމާއި، 395 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ތޮށި ލުމާއި، 202 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 1,933 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ނެރު ބައްރި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 34.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.