މިދިޔަ ބުރާސްފަތި ދުވަހު ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި ހިނގި ހާދިސާއަކާ ގުޅިގެން ރާއްޖޭގެ އެއާޕޯޓުތަކުގައި ޕްރެޝަ އިކުއިޕްމެންޓް ޑިރެކްޓިވް (ޕެޑް) ބޭނުންކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
މިކަމާ ބެހޭ ގޮތުން ރީޖަނަލް އެއާޕޯޓްސް އިން ބުނީ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ގުޅިގެން ބުރާސްފަތި ދުވަހުގެ ހާދިސާ ހިނގައި ދިޔަގޮތް ތަހުގީގު ކުރަމުން އަންނާތީ، އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހުރިހާ އެއާޕޯޓުތަކެއްގައި ވެސް އެ ޕެޑް ބޭނުންކުރުން މެދުކަނޑާލާފައިވާ ކަމަށެވެ. ޕެޑް ސިސްޓަމަކީ އެއާޕޯޓުތަކުގެ ފަޔަ އެންޑް ރެސްކިއު ޑިޕާޓްމަންޓުގެ ޓްރެއިނިން ޑްރިލްއެއްގައި ބޭނުންކުރާ ސިސްޓަމެކެވެ. އަދި ކޮންމެ ތިން މަހަކުން ޕްރެޝަރުގައި ރޯވެ އަނދައަނދައި ހުންނަަ އަލިފާން ނިއްވާލުމުގެ ތަމްރީނުތައް ހަދަން ޖެހޭ އިރު މި ތަމްރީނުތަކުގައި ފަޔަމަނުންނަށް ޖެހެނީ މި ޕްރެޝާ ފެޑްގައި ރޯ ކުރާ ހުޅުގަނޑު ނިއްވައިލާށެވެ.
ކުޅުދުއްފުށި އެއާޕޯޓުގެ ފަޔާ ޓްރެއިނިންގައި ބޭނުންކުރި ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި އެ ގޮވައި ޒަހަމްވި ހަތަރު މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު އިރު، އޭނާއަށް ފަރުވާ ދިނުމަށް މާލެއަށް ގެންގޮސްފައިވެ އެވެ.