Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ފަލަސްތީނުގެ ހައްގުގައި ފްރާންސް ރައްޔިތުން

އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޮޑު އެއްވުމެއް ބާއްވައިފި އެވެ.

ފްރާންސްގައި މިފަދަ އެއްވުންތައް ބޭއްވުން އެގައުމުގެ ފުލުހުން މަނާކޮށްފައިވީ ނަމަވެސް އެގައުމުގެ ކޯޓަކުން އިއްޔެ ވަނީ ފުލުހުންގެ ނިންމުން ބާތިލުކޮށްފަ އެވެ. އެއާއެކު ފްރާންސްގެ ވެރިރަށް ޕެރިހުގައި ފަލަސްތީނުގެ ދިފާއުގައި ބޭއްވި އެއްވުމުގައި 15،000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

މި އެއްވުމުގައި ބައިވެރިވި ފަރާތްތަކުން އަންނަނީ ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ ތަފާތު އެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ. އެއްވުމުގައި ބައިވެރިވި އެންމެން ވެސް ތިބީ ފަލަސްތީނުގެ ދިދަ ހިފައިގެންނެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން 4،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 70 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކުގައި އެގައުމުގެ 1،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އިޒްރޭލުގެ 210 މީހަކު މިވަގުތު ތިބީ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގަ އެވެ.