Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

އޮލިމްޕަހަށް "ކަންބަޅި" އަންނާނެ

"ކަންބަޅި" ގެ ކާސްޓްގައި ޝަރަފު ވެސް ހިމެނޭ.

އައި ފިލްމްސް އިން ހަދާ ތިން ވަނަ ފިލްމުގެ ނަމަކީ "ކަންބަޅި" ކަން އިއުލާންކޮށްފި އެވެ.

ޝޫޓިން ކުރިއަށްދާ މި ބިރުވެރި ފިލްމަކީ މިދިޔަ އޮގަސްޓްގައި ގެނެސްދިން "ނީނާ" އާއި 2019 ގެ ބަވަތި" އަށް ފަހު، އައި ފިލްމްސް އިން ހަދާ ތިން ވަނަ ފީޗާ ފިލްމެވެ. އެ ދެ ފިލްމު ވެސް ލިޔެ، ޑައިރެކްޓްކުރި އިލްޔާސް ވަހީދު (އިއްލެ) ގެ ސްކްރީންޕްލޭއަކަށް ހަދާ "ކަންބަޅި" އަކީ އޭނަ އާއި އެކްޓަރު އިފްނާޒް ފިރާގް ގުޅިގެން ޑައިރެކްޓްކުރާ އެއްޗެވެ.

މި ފިލްމުގެ ޓައިޓްލް ލޯގޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނެފައި ވަނީ ވަރަށް އަވަހަށް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށެވެ. ކޮންމެ ފިލްމަކާ އެކީ ތަފާތު ޖޯންރާއެއް އެކްސްޕެރިމަންޓް ކުރަމުން އަންނަ އިއްލެގެ "ކަންބަޅި" ހަމަ ޔަގީނުން ވެސް ވާނީ އަންނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމަށެވެ.

އޭނަ ކުރިން "ބިރުވެރި ވާހަކަ" ގެ ނަމުގައި ބިރުވެރި ހާދިސާތަކެއް ދައްކުވައިދިން މަގުބޫލު ސީރީޒެއް ވެސް ގެނެސްދީފައިވާތީ، ފުރަތަމަ ބިރުވެރި ފިލްމަށް ކުރެވޭ އުންމީދުތައް ވެސް ބޮޑެވެ. "ކަންބަޅީ" ގެ ކާސްޓަށް ބަލާ އިރު، ނުޒުހަތު ޝުއައިބް (ނުޒޫ)، ވާޝިޔާ މުހައްމަދު، އިފްނާޒް، ޝަރަފު އަބްދުﷲ، ތާތި އާދަމް، އިޝްފާން އަދި އަލީ ނަދީމު ހިމެނެ އެވެ.

މި ފިލްމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ އިރު، އިއްލެ ޑައިރެކްޓްކުރި ތިން ވަނަ ފީޗާ ފިލްމު "ފްރީ ޑެލިވަރީ" އަންނަ މަހުގެ 4 ގައި އޮލިމްޕަހުގައި ޕްރީމިއާކުރާނެ އެވެ. މި ޑާކް ކޮމެޑީ އަކީ ކަޒްމިކް އިންޓަނޭޝަނަލްގެ އުފެއްދުމެކެވެ.