Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

ކަރަންގެ ފުރަތަމަ މެހުމާނުންނަކީ ރަންވީރާއި ދީޕިކާ

އަންނަ ބުރާސްފަތީގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ކަރަން ޖޯހަރްގެ ޗެޓް ޝޯ، "ކޮފީ ވިތު ކަރަން 8" ގެ ފުރަތަމަ އެޕިސޯޑްގެ މެހުމާނުންނަކީ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން ކަށަވަރުކޮށް ދީފި އެވެ.

މި ދެ ތަރިންނާ އެކީ ފުރަތަމަ އެޕިސޯޑްގެ ޕްރޮމޯއެއް ވެސް މިހާރު އާންމުކޮށްފައިވާ އިރު، މިއީ ޝައުގުވެރި ގިނަ ވާހަކަތަކެއް އިވިގެން ދާނެ އެޕިސޯޑަކަށް ވާނެ އެވެ. އަނެއްކޮޅުން މިއީ ރަންވީރާއި ދީޕިކާ 2018 ގައި ކައިވެނިކުރި ފަހުން، މި ކަހަލަ "ގޮސިޕް" ޝޯއެއްގައި އެކީގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

އެހެންވެ އެ މީހުންގެ ކައިވެނީގެ ހަޔާތުގެ ގިނަ ވާހަކަތަކެއް ވެސް ހިއްސާކުރާނެ ކަމަށް ގަބޫލުކުރެވެ އެވެ. ޕްރޮމޯ އިން ވެސް އެފަދަ އިޝާރާތްތަކެއް ލިބެ އެވެ.

"ކޮފީ ވިތު ކަރަން 8" ގެ ފުރަތަމަ އެޕިސޯޑުން ރަންވީރަށް ފުރުސަތު ލިބުނު އިރު، މިދިޔަ އަހަރު ގެނެސްދިން މީގެ 7 ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑްގެ އެއް މެހުމާނަކީ ވެސް އޭނަ އެވެ. އެ ފަހަރު ރަންވީރާ އެކީ ޝޯ އަށް ދިޔައީ އާލިއާ ބަޓެވެ. މި ދެ ތަރިންނަކީ ކަރަން މިދިޔަ ޖުލައިގައި ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ދެ ތަރިން ވެސް މެ އެވެ.

އަބަދު ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބޭ "ކޮފީ ވިތު ކަރަން" ގެ އެކި އެޕިސޯޑްތަކުން މި ފަހަރު ވެސް މަޝްހޫރު ގިނަ ސެލެބްރިޓީންތަކެއް ފެންނާނެ އެވެ. މި ޝޯ އަކީ 2004 އިން ފެށިގެން ގެނެސްދޭ އެއްޗެކެވެ.