ސަރުކާރުގެ ފަރާތުން ފޮރިން އިންވެސްޓްމެންޓްގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.
ސަރުކާރުގެ ފަރާތުން ފޮރިން އިންވެސްޓްމެންޓްގެ ބިލެއް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުން ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލުތަކާއި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާ ގުޅޭ އުސޫލުތައް ބަޔާންކުރުންކަމަށެވެ. އަދި އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންތްތަކަށް ބަދަލުދެވޭނެ އުސޫލުތައް ބަޔާންކުރުމަށާއި ވިޔަފާރިކުރުމަށް ނުވާގޮތުން ހިންގާ ޕްރޮޖެކްޓްތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ލައިސަންސްދިނުމުގެ އުސޫލުތަކާއި އެފަދަ ފަރާތްތަކުން ރާއްޖޭގައި މަސައްކަތްކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގާއިމު ކުރުމަށް ކަމަށެވެ.
މި ބިލުގައި ބުނެފައިވަނީ ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން އުފައްދައި އިތުރުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މައިދާނުގައި އިންވެސްޓްމަންޓް ޕްރޮމޯޓްކުރުމުގައި އަމަލުކުރާނެ އުސޫލުތައް އެކުލަވާލައި، އިންވެސްޓްމަންޓް ޕްރޮމޯޓް ކުރުމުގެ މަސްއޫލިޔަތު އަދާކުރާނީ މިނިސްޓްރީންކަމަށެވެ.
ބޭރުގެ ފަރާތްތަކަށް އިންވެސްޓްނުކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ބިލުގައި ބުނެފައިވަނީ އިންވެސްޓްނުކުރެވޭނެ ދާއިރާތަކާއި ވަކި ޝަރުތުތަކެއް ފުރިހަމަވެގެން މެނުވީ އިންވެސްޓްނުކުރެވޭނެ ދާއިރާތައް މިނިސްޓަރު ކަނޑައަޅައި ގެޒެޓް ކުރަންވާނެ ކަމަށެވެ. އަދި ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ޤާއިމުކުރުމަށް އެދޭ ފަރާތްތަކުން އިންވެސްޓްކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ ޤާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރާ ގޮތުގެ މަތިން މިނިސްޓްރީއަށް ކަމަށެވެ.
މީގެއިތުރުން މި ބިލުގައި ވަނީ ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގާ ފަރާތަކުން ކުރުން މަނާ ކަންތައްތަކާއި، ޤާނޫނާ ހިލާފުވާ އިންވެސްޓަރުންނާމެދު ފިޔަވަޅުއަޅަންވާނެ ކަމަށްވެސް ބަޔާންކޮށްފައެވެ.