Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ނިމުނު އިންތިހާބަށް އޮތް އެންމެ ބޮޑު ނުފޫޒަކީ ދޮގު ވާހަކަ

މެންބަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނިމުނު ރިޔާސީ އިންތިހާބަށް ކުރިމަތިވި އެންމެ ބޮޑު ނުފޫޒަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތީ، އިންތިޚާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންގޮސްފައެވެ.

އެ ޤަރާރަށް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އިންތިހާބުތަކަށް އޮތް އެންމެ ބޮޑު ނުފޫޒަކީ އަދި އެންމެ ފަހުން ނިމުނު ރިޔާސީ އިންތިހާބަށް އޮތް އެންމެ ބޮޑު ނުފޫޒަކީ "ދޮގާ ވަހުމު" ކަމަށެވެ. އަދި އިންތިހާބެއްގައި ފެތުރޭނެ އެންމެ ބޮޑު ނުފޫޒަކީ ދޮގު ވާހަކަތައް ފެތުރުން ކަމަށް ވިދާޅުވިއެވެ.

"ކަނޑައެޅިގެން ދޮގު ވާހަކައާ، ކަނޑައެޅިގެން ބުހުތާނު ދޮގު، ކަން ހިނގާފައި އޮތްގޮތާ ހިލާފަށް ދައްކަމުންދިޔަ ދެއްކުން. އެއީ އަދި ނޫސްވެރިން ކަމުގައިވިޔަސް، އާންމު ސޯޝަލްމީޑިއާގެ ތެރެއިން ކަމަށްވިއަސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވިއަސް، ސިޔާސީ ބޭފުޅުން ކަމުގައިވިއަސް، ދޮގު ފަތުރައިގެން ފެތުރި ނުފޫޒު، އެއީ ބޮޑުވެގެންވާ ނުފޫޒަކީ." އަސްލަމް ވިދާޅުވިއެވެ.

މި ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރަންޖެހޭކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް ބަދަލުވާއިރު ކުންފުނިތަކުގައި ތިބޭ އެންމެން ބަދަލުވާން ނުޖެހޭކަމަށްވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ސަރުކާރު ކުންފުނިތައް ހިންގަން ތިބެންޖެހޭނީ އެތަންތަން ހިންގޭވަރުގެ ހަރުދަނާ މީހުންކަމަށާއި، ކޮންމެ ސަރުކާރަކާއެކު ކުންފުނީގެ މެނޭޖްމަންޓް އެއްކޮށް ބަދަލުވާން ނުޖެހޭކަމަށެވެ.