Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

މިލަންދޫ ބަނދަރު މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ށ. މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބާރަށް ކުރިއަށްދަމުންދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ށ. މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށީގެ ގައު ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 26 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށާއި، ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން، 17،900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 72،938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 8،400 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެެރު ފުންކުރުމާއި، 583 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 316 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 2 ބްރިޖެއް ހެދުމާއި، 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، އެކްސަސް ޕްލެޓްފޯރމެއް ހެދުމާއި، 3،863 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ށ. މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 76.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.