Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ދައުލަތް ސަލާމަތްނުވާ ހާލަތުގައި އޮތީ ބައެއް ކުންފުނިތަކުގެ ސަބަބުން

މެންބަރު އިބްރާހިމް ނަސީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހި ދައުލަތުގެ ދަރަނި ބޮޑުވެ ސަލާމަތް ނުވާ ހާލަތުގައި އޮތީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ސަބަބުން ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތީ، އިންތިޚާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންގޮސްފައެވެ.

އެ ޤަރާރުގެ ބަހުސްގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ މިހާރު އޮތް ސަރުކާރުން ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން އާދަޔާ ހިލާފަށް އިތުރުކުރިކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. މިސާލެއްގެ ގޮތުން ފެނަކަ ފާހަގަކޮށް ނަސީމް ވިދާޅުވީ ކުރިން ފެނަކައިން ހަމައެކަނި ކަރަންޓު ފޯރުކޮށްދެމުންދިޔަ ރަށްރަށުގައި ފެނާ ނަރުދަމާގެ ހިދުމަތްވެސް އެ ކުންފުނިން ފޯރުކޮށްދޭން ފެށިކަމަށެވެ. އެހެންކަމުން އެތަންތަނަށް މުވައްޒަފުން އިތުރު ކުރަންޖެހޭކަމަށާއި އެހެންނަމަވެސް މުވައްޒަފުން އިތުރު ކުރެވިގެން ދިޔައީ އެ ނިސްބަތުންތޯ ނަސީމް ސުވާލު އުފެއްދެވިއެވެ.

"މިދައްކާ ވާހަކައަކީ [މުވައްޒަފުން] މާގިނައިން އިތުރުކުރި ވާހަކަ. ފެނަކައިން ސޯލާޖެހީ، އެކަމަކު ކޮންމެ ސޯލާ ޕެނަލަކަށް މުވައްޒަފަކު ނަގަންޖެހޭތޯ، އެއީ ސުވާލަކީ." ނަސީމް ފާހަގަކުރެއްވިއެވެ.

ސަރުކާރު ކުންފުނިތަކަށް އެކަށީގެންވާ ވަރަށް ވުރެއް އިތުރަށް މުވައްޒަފުން ނެގި ވާހަކައާއި، ޕްރޮޖެކްޓްތަކަށް އެކަށީގެންވާ ވަރަށްވުރެއް ބޮޑު އެއްޗެއް ހަރަދު ކުރި ވާހަކަ އަދި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުންފަދަ ވާހަކަތަކަކީ ހަގީގަތެއް ކަމަށާއި އެކަންކަން މިއަދު ގަބޫލުކުރަންޖެހޭކަމަށް ނަސީމް ވިދާޅުވިއެވެ.

2019 ވަނަ އަހަރު ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައެއް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ބަލަން މަސައްކަތްކުރިކަން ފާހަގަކުރައްވާ ނަސީމް ވިދާޅުވީ އެ މައްސަލަ ބެލުމަށް އެބޭފުޅާއާއެކު ކޮމިޓީގައި ގޮވާލާ މަސައްކަތްކުރީ މެންބަރު އިލްޔާސް ލަބީބް އަދި މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަމަށެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން އެކަން ފޮރުވަން މަސައްކަތް ކުރިކަމަށާއި 2019 ވަނަ އަހަރު އެ މައްސަލަ ރަނގަޅަށް ބަލާ ފިޔަވަޅުއެޅިނަމަ މިއަދު ފެނަކައިގެ ވާހަކަ މިވަރަށް ދައްކަން ނުޖެހުނީސް ކަމަށް ނަސީމް ވިދާޅުވިއެވެ.

"ދިވެހި ދައުލަތް ސަލާމަތްނުވާ ހާލަތުގައި މިއޮތީ ސަރުކާރުގެ ބައެއް އެސްއޯއީތަކުގެ ސަބަބުން. ދިވެހި ދައުލަތުގެ ދަރަންޏަކީ ހަމައެކަނި މައި ސަރުކާރުގެ ދަރަންޏެއް ނޫން. އެސްއޯއީ ތަކުގެ ދަރަނިވެސް ލައިގެން ގުނާކަމުގައި ވަނީނަމަ އަޅުގަނޑުމެން ފިއްކަނޑައިގެން ދާވަރުވޭ." ނަސީމް ވިދާޅުވިއެވެ.