ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން މި ހަފުތާގައި އިޒްރޭލަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަން ހާމަކޮށްފައި ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުންނެވެ. އެތަނުން ބުނީ މެކްރޯން އިޒްރޭލަށް ކުރައްވާ ދަތުރުގައި ބޮޑުވަޒީރާ ވެސް ބައްދަލުކުރައްވައި އިޒްރޭލުން މިހާރު ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވެސް ހަމަހެހިފައިވާ ކަމަށެވެ.
ނަމަވެސް މެކްރޯންގެ އިޒްރޭލު ދަތުރާ ބެހޭ ތަފުސީލެއް ފްރާންސަކުން ނުދެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމަތަކާ ދެކޮޅަށް އަޑު އުފުލައި ފަލަސްތީނުގެ ދިފާއުގައި ފްރާންސްގައި އިއްޔެ ބޮޑު އެއްވުމެއް ބާއްވާފައިވެ އެވެ. މަގުތަކަށް މީހުން ނުކުމެ ބޭއްވި އެއްވުންތަކުގައި 15،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން 4،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. އޭގެތެރެއިން 70 ޕަސެންޓަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ފަސަ އަސާސީ ހިދުމަތްތައް ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓުވައިފަ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކުގައި އެ ގައުމުގެ 1،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި އިޒްރޭލުގެ 210 މީހަކު މި ވަގުތު ތިބީ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގަ އެވެ.
ފްރާންސްގެ ރައީސް އިޒްރޭލަށް ވަޑައިގަންނަވާ އިރު، މިދިޔަ ހަފުތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވެސް އިޒްރޭލަށް ވަޑައިގެންފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއަދު ނެދަލޭންޑްސްގެ ބޮޑުވަޒީރު މާކް ރަޓް އިޒްރޭލަށް ވަޑައިގަންނަވާނެ އެވެ.