ޕާކިސްތާންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް، ޕަލަސްތީނަށް އެހީވާން ބޮޑު އަދަދެއްގެ ފައިސާ ހަދިޔާކޮށްފި އެެވެ.
އޭނަ 15 މިލިއަން ރުޕީސް (54،547 ޑޮލަރު) ހަދިޔާކުރީ ޕަލަސްތީނަށް އެހީވާން ޕާކިސްތާންގައި ފަންޑް އެއްކުރުމުގެ މަސައްކަތްކުރަމުން އަންނަ ޖަމާއަތެއް ކަމަށްވާ އަލްހިދުމަތު ފައުންޑޭޝަނަށެވެ. އެ ފައުންޑޭޝަނުން މި ވާހަކަ އެތަނުގެ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް ކާމިޔާބު ލަވަކިޔުންތެރިޔާ އަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
فلسطین، غزہ کے متاثرین کے لیے معروف فنکار عاطف اسلم کی جانب سے 15 ملین روپے کے عطیات موصول۔
Deep gratitude to the esteemed Atif Aslam @itsaadee for his generous contribution of 15 million PKR towards essential medical and food aid for Gaza, Palestine during these trying times.… pic.twitter.com/pwgAWMF4Hi
— Alkhidmat Foundation Pakistan (@AlkhidmatOrg) October 20, 2023
އާތިފްވެފައި ވަނީ ޕާކިސްތާންގެ ސެލެބްރިޓީންގެ ތެރެއިން މިހާތަނަށް ފަރުދެއްގެ ހައިސިއްޔަތުން ޕަލަސްތީނަށް އެހީވާން އެންމެ ބޮޑު އަދަދަކުން ފައިސާ ހަދިޔާކުރި ފަންނާނަށެވެ. އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރިމާތަކާ ގުޅިގެން، އާތިފް ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް ޕޯސްޓްތަކެއްކޮށްފައިވެ އެވެ.
މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން 4،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. އޭގެތެރެއިން 70 ޕަސެންޓަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ކާނާ އާއި ފެނާއި ތެޔޮ ފަދަ އަސާސީ އެއްޗެހި އެތެރެކުރުން ވެސް ހުއްޓުވައިފަ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކުގައި އެ ގައުމުގެ 1،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި އިޒްރޭލުގެ 210 މީހަކު މި ވަގުތު ތިބީ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގަ އެވެ.