Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

އެމްޑީޕީއަށް ވެރިކަން ގެއްލުނީ ވައުދުތައް ހަނދާން ނެތުމުން

މެންބަރު މޫސާ ސިރާޖު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަން ގެއްލުނީ ރައްޔިތުންނަށްވި ވައުދުތައް ހަނދާން ނައްތާލުމުން ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތީ، އިންތިޚާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންގޮސްފައެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން މޫސާ ސިރާޖް ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ސުޕަމެޖޯރިޓީއެއް ދިނީ ކީއްވެތޯ އަދި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ގެއްލުނު ސަބަބާމެދު ވިސްނާލަންޖެހޭ ކަމަށެވެ. އެގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީއެއް ރައްޔިތުން ދިން އެއް ސަބަބަކީ އިންތިހާބުތަކަށް ފޯރުވާ ނުފޫޒުގެ މައްސަލައަށް ހައްލު ހޯދައިދޭނެކަމަށް އެމްޑީޕީން ބުނުމުން ކަމަށެވެ. އޭރު ކެމްޕޭންގައި އެމްޑީޕީން ދައްކަމުންދިޔަ ވާހަކައަކީ މުއައްސަސާތައް ރިފޯމްކޮށް، ސަލާމަތީ ހިދުމަތްތައް އިސްލާހުކޮށް، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށް، ފަނޑިޔާރުގެއަށް ފޯރުވަމުންދިޔަ ނުފޫޒު ނައްތާލާނެ ކަމުގެ ވާހަކައިގެ އިތުރުން ޤާނޫނުއަސާސީއަށާއި ދައުލަތުގެ ހިންގުމަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެންނާނެކަމުގެ ވައުދުތައްކަން މޫސާ ސިރާޖް ފާހަގަކުރެއްވިއެވެ. އެ ވައުދުތަކުގެ އިތުބާރު ރައްޔިތުންނަށް އެމްޑީޕީން ދިނުމުން، މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދިނީކަމަށް މޫސާ ސިރާޖް ވިދާޅުވިއެވެ.

އެހެންނަމަވެސް ވެރިކަން ގެއްލުމުން ދެން އެމްޑީޕީގެ މެންބަރުން އެ އިސްލާހުތައް ގެންނަންޖެހޭ ވާހަކަ މަޖިލީހުގައި މިހާރު ދެއްކިނަމަވެސް އެ ވާހަކަ ދެއްކުމަށް މިހާރު ލަސްވެއްޖެކަމަށް ވިދާޅުވިއެވެ.

"އެ އިހުލާސްތެރިކަން ހުރިނަމަ ދެވަނަ ދައުރެއް އެމްޑީޕީއަށް ލިބޭނެ. ވެރިކަން ގެއްލިގެންމިދިޔައީ އިހުލާސްތެރިކަން ނެތީމާ، ރައްޔިތުންނަށްވި ވައުދު، އެ ވައުދުތައް ހަނދާން ނެތުނީމާ." މޫސާ ސިރާޖް ވިދާޅުވިއެވެ.

ރައްޔިތުން އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ހަވާލުކުރީ ޤާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނަމަވެސް ކަންކަން އިސްލާޙު ކުރުމުގެ މެންޑޭޓާ އެކުކަން ފާހަގަކުރައްވާ މޫސާ ސިރާޖް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރަށްރަށުގައި ޕްރޮޖެކްޓް ނުހިންގާތީ ނޫންކަމަށެވެ. ރައްޔިތުން ބޭނުންވަނީ އިހުލާސްތެރިކަމާއެކު ވައުދުތައް ފުއްދައިދޭނެ ވެރިކަން ކަމަށް ވިދާޅުވިއެވެ.

މޫސާ ސިރާޖް ވިދާޅުވީ 65 މެންބަރުންނާއެކު އެމްޑީޕީއަށް ވެރިކަން ލިބުމުން ބައެއް ބޭފުޅުން ބެލީ އެބޭފުޅުންނަށް ލިބެންއޮތީ ކޮންއެއްޗެއްތޯއާއި ލިބެންއޮތް އެއްޗެއް ހޯދެން އޮތްގޮތަކަށް ކަމަށެވެ. އެހެންވުމުން މުއައްސަސާތައް އިސްލާހުކުރުމަށްވި ވައުދުތައް މަތިން ހަނދާން ނައްތާލާ، މާބޮޑަށް ޝަރުއީ ނިޒާމަށް އަތްފޯރުވަމުން ދިޔަ މަންޒަރު ރައްޔިތުންނަށް ފެނުނު ކަމަށް މޫސާ ސިރާޖް ވިދާޅުވިއެވެ.