ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުގެ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ސްޓެލްކޯއިން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި، އެކުންފުނީގެ ސީއެސްއާރުގެ ދަށުން 500،000.00 ރުފިޔާ "އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" ހަދިޔާ ކޮށްފައިވާ ކަމަށެވެ. މި ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްފައިވަނީ މިއަދު ސްޓެލްކޯ ބޯޑު ރޯމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސްޓެލްކޯގެ ފަރާތުން މި ފައިސާގެ އެހީގެ ޗެކް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްދެއްވީ ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފެވެ. އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ޗެއާމަން އަހުމަދު އިގްބާލެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއިންގެ ފަރާތުން ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ސްޓެލްކޯގެ ހެޑް އޮފީހުގެ ލޮބީ ސަރަހައްދުގައިވެސް ފަންޑުފޮއްޓެއް ބެހެއްޓިފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.