Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އިޒްރޭލުން ގާޒާގެ 32 މިސްކިތަކަށް ހަމަލާ ދީފި

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ގެއްލުންވި މިސްކިތްތަކުގެ އަދަދު 32 އަށް އަރައިފި އެވެ.

ފަލަސްތީނުގެ އިންޓީރިއާ މިނިސްޓްރީން ބުނީ އިޒްރޭލުން މިއަދު ގާޒާގެ އަލް ނޫރު އަލް މުހައްމަދީ މިސްކިތަށް ވައިގެ ހަމަލާއެއް ދީފައިވާ ކަމަށާއި މި ހަމަލާގައި ހަތް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

މިއީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި ގެއްލުންވި 32 ވަނަ މިސްކިތް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން މެދުނުކެނޑި ގާޒާ އަށް ހަމަލާތައް ދެމުންދާއިރު ފާއިތުވި 24 ގަޑިއިރުތެރޭ ދިން ހަމަލާތަކުގައި ގާޒާ އިން ވަނީ 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މި ހަނގުރާމައިގައި ފަލަސްތީނުން ޖުމްލަ 5،087 މީހަކު ޝަހީދުވެފައިވާއިރު އޭގެތެރެއިން 70 ޕަސެންޓް މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ދެމުންދާ ހަމަލާތަކުގައި އިޒްރޭލުން މިހާތަނަށް ވަނީ 1،500 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އަދި އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން މިވަގުތު ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.