ފަލަސްތީނުގެ ގާޒާގައި ތިބި އާންމުންނަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެން ދިޔަ 54 ޓްރަކެއް ގާޒާ އަށް މިހާރު ވަދެފައިވާ ކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ބުނެފި އެވެ.
ގާޒާ އަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިސްރުން ކޮންޓްރޯލް ކުރާ ރަފާހް ބޯޑަރު ވަގުތީ ގޮތުން ހުޅުވާލާފައިވާއިރު އެހީގެ ތަކެތި ގާޒާ އަށް ގެންދިޔުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އައިސީއާރްސީގެ ތަރުޖަމާނު ސްޓެފަން ރަޔަން ވިދާޅުވީ ގާޒާ އަށް މިހާތަނަށް ވަދެފައިވަނީ އެހީ ހިފައިގެންދިޔަ 54 ޓްރަކް ކަމަށާއި އެހީގެ ތަކެތި މެދުނުކެނޑި ގާޒާ އަށް ލިބޭނެ މަގުތައް ފަހިވާންޖެހޭ ކަމަށެވެ. ގާޒާ އަށް މިވަގުތު ކުރިމަތިވެފައިވަނީ އުނދަގޫ ހާލަތެއް ކަމަށާއި އެހީގެ ތަކެތި ގާޒާ އަށް ވަންނަ ވަރާއި އެއްވަރަށް އެހީގެ ތަކެތި އެންމެ ބޭނުންވާ ތަންތަނަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ރަޔަން ވިދާޅުވި އެވެ.
ގާޒާ އަށް ގެނެސްފައިވާ އެހީގެ ތަކެތީގެ ތެރޭގައި ފެނާއި ކާބޯތަކެއްޗާއި ބޭހާއި ޞިއްޙީ ސާމާނު ހިމެނެ އެވެ. އދ. އިން އަންދާޒާ ކުރާ ގޮތުން ގާޒާގެ އާންމުންގެ ބޭނުންތައް ފުއްދުމަށް ދުވާލަކު 100 ޓްރަކްގެ އެހީ ބޭނުންވާނެ އެވެ.
ގާޒާ އާއި މިސްރު ގުޅޭ ރަފާހް ބޯޑަރުގައި މިހާރުވެސް 1000 ޓަނުގެ އެހީ ހިފައިގެން 100 އެއްހާ ޓްރަކްގެ ގާފިލާއެއް އެބައޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ގާޒާ އަށް އެހީގެ ތަކެތި ވައްދަން އިޒްރޭލުން ހުއްދަ ދިން ނަމަވެސް ގާޒާ އަށް ތެޔޮ އެތެރެ ކުރަން ހުއްދަ ނުދޭނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. އިޒްރޭލުން މިހެން ބުނެފައިވާއިރު ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (ޔޫއެންއާރްޑަބްލިއުއޭ) ވަނީ ގާޒާ އަށް ތެލުގެ މުހިއްމުކަން މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެ ޖަމިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށާއި އާންމުންނަށް ފެން ފޯރުކޮށްދިނުމަށް ވެސް ތެލުގެ މުހިއްމުކަން އެ ޖަމިއްޔާ އިން ފާހަގަކުރެ އެވެ.