މިއީ އިޒްރޭލާއި ހަމާސް ޖަމާއަތާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލަންވީ ވަގުތެއް ނޫން ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ މިއީ ހަނގުރާމަ ހުއްޓާލަންވީ ވަގުތެއް ނޫން ކަމަށާއި އިޒްރޭލަށް ދިފާއުވުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށެވެ. އަދި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ އިސްވެރިންގެ ފަހަތުން ދިޔުމަށް އަދިވެސް މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށް ކާބީ ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވީ ހަނގުރާމަ މިވަގުތު ހުއްޓާލައިފިނަމަ ހަމާސް ޖަމާއަތަށް އަރާމު ކުރަން ވަގުތު ލިބި އަނެއްކާވެސް ރަނގަޅަށް ތައްޔާރުވެގެން އިޒްރޭލަށް ހަމަލާތައް ދޭން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިނީ ޓެރަރިސްޓު ހަމަލާއެއް ކަމަށާއި އެ ހަމަލާގެ ސަބަބުން އިޒްރޭލަށް ދިމާވެފައިވަނީ ނުރައްކާތެރި ހާލަތެއް ކަމަށްވެސް މިލާ ވިދާޅުވި އެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށީ ހަމާސް ޖަމާއަތުން އިޒްރޭލަށް ކުއްލި ގޮތަކަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެންނެވެ. ދެ ފަރާތުގެ މެދުގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުން 5،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އިޒްރޭލުގެ 1،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާއިރު ގާޒާ އަށް އެހީގެ ތަކެތި ވައްދަން އިޒްރޭލުން ހުއްދަ ދިނުމާއެކު މިހާތަނަށް 54 ޓްރަކެއް ވަނީ އިންސާނީ ހިފައިގެން ފަލަސްތީނުގެ ގާޒާ އަށް ވަދެފަ އެވެ. ގާޒާ އަށް ކާތަކެއްޗާއި ސިއްހީ ސާމާނު ފަދަ ތަކެތި އެތެރެކުރަން ހުއްދަ ދިން ނަމަވެސް ގާޒާ އަށް ތެޔޮ އެތެރެ ކުރަން ހުއްދަ ނުދޭނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.