ފަލަސްތީނުގެ ގާޒާގެ އުތުރުގެ ހިސާބުތަކަށް އިޒްރޭލުން ރޭ ދިން ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެއްޖެ އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިޒްރޭލުން ރޭ ގާޒާގެ އުތުރުގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި 53 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށާއި މީގެތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. ރޭގެ ހަމަލާތަކުގައި ގާޒާގެ އުތުރު ހިސާބުތަކުގެ ބައެއް ގެތަކަށް ވެސް ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިޒްރޭލުން ރޭ ގާޒާގެ ރެފިއުޖީ ކޭމްޕަކަށް ވެސް ހަމަލާދީފައިވާއިރު ފާއިތުވި 24 ގަޑިއިރުތެރޭ އެކަނި ގާޒާ އިން 400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.
ގާޒާ އަށް ހަމަލާދިނުން އިޒްރޭލުން އިތުރުކޮށްފައިވާއިރު މި ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 5،087 މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެތެރޭގައި 2،055 ކުޑަކުދިންނާއި 1،119 އަންހެނުންނާއި އުމުރުން ދުވަސްވީ 217 މީހަކު ހިމެނެ އެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށީ ހަމާސް ޖަމާއަތުން އިޒްރޭލަށް ކުއްލި ގޮތަކަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެންނެވެ. ދެ ފަރާތުގެ މެދުގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އިޒްރޭލުގެ 1،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.