Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ފަލަސްތީނު މައްސަލާގައި އދ ގެ ކުއްލި ބައްދަލުވުމެއް

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އ.ދ ގެ އާއްމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ކުއްލި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. މި ކުއްލި ޖަލްސާގައި ފަލަސްތީނު ހަނގުރާމައާ ގުޅޭގޮތުން އ.ދ ގެ 193 މެމްބަރު ގައުމުގެ ހިޔާލު ހާމަކުރަން ފުރުސަތު ލިބިގެންދާނެ އެވެ.

އ.ދ ގެ އާއްމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމީ ފަލަސްތީނު މައްސަލައާ ގުޅިގެން މިފަދަ ޖަލްސާއެއް ބާއްވައިދިނުމަށް އ.ދ ގެ މެމްބަރު ބައެއް ގައުމުތަކުން އެދުމާ ގުޅިގެންނެވެ. އެކަމަށް އެދުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ހަމަލާދިނުން އިޒްރޭލުން އިތުރުކޮށްފައިވާއިރު މި ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 5،087 މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެތެރޭގައި 2،055 ކުޑަކުދިންނާއި 1،119 އަންހެނުންނާއި އުމުރުން ދުވަސްވީ 217 މީހަކު ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާއިރު މިލިއަނެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށީ ހަމާސް ޖަމާއަތުން އިޒްރޭލަށް ކުއްލި ގޮތަކަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެންނެވެ. ދެ ފަރާތުގެ މެދުގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އިޒްރޭލުގެ 1،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.