ފުލަމްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ އަށް ޓޮޓެންހަމް އަލުން އަރައިފި އެވެ.
ލީގުގެ އެއްވަނައިގައި ޓޮޓެންހަމް އޮތީ ނުވަ މެޗުން ލިބުނު 23 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަދި ތިންވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ހަތަރުވަނައިގައި 20 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.
ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލު އެޓީމަށް މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ސޮން އެވެ. ފުލަމްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސޮން މި ގޯލު ކާމިޔާބު ކުރީ ފުލަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ޓޮޓެންހަމުން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލު ސޮން ދިން ޕާހަކުން މެޗުގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޭމްސް މެޑިސަން އެވެ. މިއީ ޓޮޓެންހަމްގެ ދަނޑުގައި މެޑިސަން އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
ލީގުގައި ޓޮޓެންހަމް އަދި މެޗަކުން ބަލިވެފައި ނުވާއިރު އެޓީމުން ވަނީ ނުވަ މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބުކޮށްފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ޓޮޓެންހަމުން ލީގުގައި ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާ އެވެ.