ދުނިޔޭގެ އެންމެ މަގުބޫލު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ގަތަރު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކްބަރު އަލް ބަކްރް އިސްތިއުފާ ދެއްވަން ނިންމައިފި އެވެ.
ގަތަރު އެއާވެސް ގްރޫޕް ހިންގެވުމުގައި 27 އަހަރު ހޭދަކުރައްވާފައިވާ އަކްބަރު، 62، މަގާމުން އިސްތިއުފާ ދެއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 ގަ އެވެ. މިކަން އިއުލާންކޮށް އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި އަކްބަރުގެ ލީޑަޝިޕްގެ ދަށުން ގަތަރު އެއާވޭސް ބޮޑެތި ކުރިއެތުންތަކާއި ކާމިޔާބީތައް ހޯދައި، ގިނަ ބަޔަކު އެންމެ އިތުބާރު ކުރާ އެއް އެއާލައިނަަށްވެފައިވާ ކަމަށެވެ.
އަކްބަރު އިސްތިއުފާ ދެއްވަން ނިންމެވުމާ ގުޅިގެން ދެން ގަތަރު އެއާވޭސްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިހާރު ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި ބަދުރު މުހައްމަދު އަލް މީރް އެވެ.
ގަތަރުގެ ގައުމީ އެއާލައިންގެ ގޮތުގައި އޮޕަރޭޓްކުރަމުން އަންނަ ގަތަރު އެއާވޭސްގެ ހިދުމަތް ފެށީ މީގެ 29 އަހަރު ކުރިން ޖެނުއަރީ 20، 1994 ގަ އެވެ. ފްލީޓްގައި ޖުމްލަ 253 ބޯޓް އޮންނަ މި އެއާލައިނަކީ ދުނިޔޭގެ 160 އަށް ވުރެ ގިނަ މަންޒިލްތަކަށް އުދުހޭ އެއާލައިނެކެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.