ބޮލީވުޑުން ގެއްލިފައިވާތާ އަހަރުތަކެއްވެފައިވާ އެކްޓަރު އިމްރާން ޚާން އަލުން އެނބުރި އަންނަން އުޅޭކަމުގެ އިޝާރާތެއް ދީފި އެވެ.
މުމްބާއީގައި މިހާރު ކުރިއަށްދާ އައިޕީއެފް ފެސްޓިވަލް ސީޒަން 13 ގައި ބައިވެރިވެ އިމްރާން ބުނީ ފިލްމީ މަސައްކަތްތަކަށް އަލުން އައުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އެކަމަކު އެއީ ސީދާ ކޮން އިރަކު ކަމެއް ބުނާކަށް ނޭނގޭ ކަމަށް މަޝްހޫރު އެކްޓަރު އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ 40 އަހަރުގެ އެކްޓަރު ބުންޏެވެ.
"އެނބުރި އަންނާނެ އިރަކާ ބެހޭ ގޮތުން އަހަރެންގެ އަދި ދޭނެ ސާފު ޖަވާބެއް ނެތް. އެކަމަކު އަހަރެން މި އަންނަނީ ސްކްރިޕްޓްތަކެއް ކިޔަމުން. އެނބުރި އައުމުގެ ވިސްނުމުގައި ދާއިރާގެ އެކި މީހުންނާ އެބަ ވާހަކަތައް ވެސް ދެކެވޭ،" 2007 ގެ "ޖާނޭ ތޫ…ޔާ ޖާނޭ ނާ" އިން ތައާރަފުވި އެކްޓަރު ބުންޏެވެ. "އެހެންވެ ފަހަރުގައި އަންނަ އަހަރު ކަމަށް ވެސް ވެދާނެ."
އިމްރާން އެންމެ ފަހުން ކުޅުނު ފިލްމަކީ ކަންގަނާ ރަނާވަތާ އެކީ ކުޅުނު ޑައިރެކްޓަރު ނިކިލް އަދުވާނީގެ 2015 ގެ "ކައްޓީ ބައްޓީ" އެވެ. އޭނަ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދިއްލީ ބެލީ"، "އައި ހޭޓް ލަވް ސްޓޯރީ"، "އޭކް މޭ އީރް އޭކް ތޫ"، "ގޯރީ ތެރެ ޕިޔާރު މޭ"، "ބްރޭކް ކޭ ބާދު" އަދި "މޭރޭ ބްރަދާ ކީ ދުލްހަން" ހިމެނެ އެވެ.
އިމްރާން ފިލްމު ކުޅުމާ ދުރުވި ފަހުން 2018 ގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާ ގުޅިގެން ކުރު ފިލްމެއް "މިޝަން މާސް: ކީޕް ވޯކިން އިންޑިއާ" ގެ ނަމުގައި ޑައިރެކްޓްކޮށްފައިވެ އެވެ. އިމްރާން ދީފައިވާ އިންޓަވިއުތަކެއްގައި ކުރިން ފާހަގަކޮށްފައިވާ ގޮތުގައި އެކްޓިން އަށް ވުރެ ބޮޑަށް ޝައުގުވެރިކަން ހުންނަނީ ޑައިރެކްޝަނަށެވެ.
އިމްރާން އަލުން އެނބުރި އައުމުގެ ވާހަކަތަކެއް ދައްކާފައި މި ވަނީ ސޯޝަލް މީޑިއާގައި ވެސް މި ފަހުން ވަރަށް ބޮޑަށް އެކްޓިވްވެފައި ވަނިކޮށެވެ. އިމްރާނާއި އަވަންތިކާ މާލިކް 2011 ގައި ކުރި ކައިވެނި 2019 ގައި ވަނީ ރޫޅިފަ އެވެ. އެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައިވެ އެވެ.