ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ، ކޯރަމް ހަމަނުވުމުން ނުބާއްވާ ނިންމާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް މަސައްކަތް ކޮށް މެންބަރުން ހަމަނުވުމުން، ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ކޯރަމް ބެލް ޖެހުމަށް ފަހުވެސް ޤާނޫނީ އަދަދު ހަމަނުވާތީ މިއަދުގެ ޖަލްސާ ނިންމާލެއްވީ ކަމަށެވެ.
ޖަލްސާ ކުރިއަށް ގެންދެވެނީ މަދުވެގެން 22 މެންބަރުން މަޖިލިސް ތަޅުމުގައި ހާޒިރުވެ ތިބެގެންނެވެ. މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮންނަ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މިފަހަކަށްއައިސް މަޖިލީހަށް ހާޒިރުވުމަށްފަހު ތަޅުމަށް ނުވަދެ ކުޑަދަށުގައި ތިއްބަވާ ކަމުގެ ކަންބޮޑުވުން ރިޔާސަތުން ފާހަގަކުރައްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޮތީ މިއަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށްވެސް އެޖެންޑާ ކޮށްފައެވެ. މީގެއިތުރުން ނުނިމި ހުރި ގިނަ މަސައްކަތްތަކެއް އެޖެންޑާ ކޮށްފައިވާއިރު ވޯޓަށް އެހުމަށްވެސް ގިނަ ކަންތައްތަކެއް އެޖެންޑޭ ކޮށްފައިވެއެވެ.