Last Updated: May 2, 21:29
Thursday, May 2, 2024
ޚަބަރު

ދިއްދޫ ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާ ނުދައްކާ!

ހއ. ދިއްދޫ ފަރަށް ބާޖަކާއި ޓަގް ބޯޓެއް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން ކުރި ޖޫރިމަނާ ދައްކަން ދިން މުއްދަތު ހަމަވި އިރު ވެސް އެ ފައިސާ ނުދައްކާ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި

އެ މައްސަލާގައި 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރީ މުތާ ޕްރައިޑް ކިޔާ ބާޖާއި މުތާ ޕްރިންސަސް ކިޔާ ޓަގް ބޯޓުގެ ވެރި ފަރާތް ކަމަށްވާ އެޗްއާރްއެސް އިންފްރާޓެކް ޕްރައިވެޓް ލިމިޓެޑެވެ. މިއީ އިންޑިއާގެ ކުންފުންޏެކެވެ.

ދިއްދޫ ފަރަށް އެތަނުގެ އުޅަނދު އެރީ މިދިޔަ މެއި މަހުގެ 2 ގަ އެވެ. މިކަމާ ގުޅިގެން ޖޫރިމަނާކުރީ މިދިޔަ މަހުގެ 19 ގަ އެވެ.

ފަރަށް އުޅަނދުތައް އެރި ހާދިސާއާ ގުޅިގެން އީޕީއޭ އިން ހަދާފައިވާ ސާވޭ އިން ދައްކާ ގޮތުގައި ދިއްދޫ ފަރުގެ 4،038 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެހެންވެ އެކަމާ ގުޅޭ ގަވައިދުގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 101743400 ރުފިޔާ އެވެ. ނަމަވެސް ކަމާ ގުޅޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުން ކަމަށްވާތީ އެޗްއާރްއެސް އިންފްރާޓެކް ޕްރައިވެޓް ލިމިޓެޑް އެ އަދަދުން ޖޫރިމަނާކުރީ ކަމަށް އީޕީއޭ އިން ބުންޏެވެ. .

ޖޫރިމަނާ ދައްކަން ދިން މުއްދަތު ހަމަވީ މި މަހުގެ 19 ގަ އެވެ.

ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދާނެ ކަމަށްވެސް އީޕީއޭ އިން ކުރިން ބުނެފައިވެ އެވެ. ނަމަވެސް މުއްދަތު ހަމަވި އިރު، ޖޫރިމަނާ ނުދައްކާތޫ ދެން މިކަމުގައި އަމަލުކުރާނެ ގޮތެއް އީޕީއޭ އިން އަދި ހާމައެއް ނުކުރެ އެވެ.