Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

"ގަދަރު 2" އަންނަ މަހު ޒީ ސިނެމާ އަށް

މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި ސަނީ ޑިއޯލްގެ ކާމިޔާބު ފިލްމު "ގަދަރު 2" އަންނަ މަހު ޒީ ސިނެމާ އިން ޕްރީމިއާކުރަން ނިންމައިފި އެވެ.

ދާދި ފަހުން ޒީ5 އިން ސްޓްރީމިން އަށް ވެސް ދޫކުރި މި ފިލްމު ޓީވީން ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ގަ އެވެ.

"ގަދަރު 2" އަކީ ސަނީ އާއި އަމީޝާ ޕަޓޭލްއާ އެކީ ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. ފުރަތަމަ ބައި ގެނެސްދިންތާ 22 އަހަރު ފަހުން ދެވަނަ ބައި ގެނެސްދިނުމާ އެކީ މި ފިލްމުވީ ސަނީގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަށެވެ. އޮގަސްޓް މަހުގެ 11 ގައި ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 690.54 ކްރޯޑް ރުޕީސް (83 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު އިރު، "ގަދަރު 2" ހެދީ އެންމެ 60 ކްރޯޑް ރުޕީސް (7.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ސަނީ، 66، މިހާރު އަންނަނީ "ލާހޯރް: 1947" ކިޔާ ފިލްމަކަށް ތައްޔާރުވަމުންނެވެ. މިއީ އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ އެއްޗެކެވެ.