މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޝޫޓިުން ފެށި، ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރްގެ ފިލްމުގެ ނަން މިއަދު އިއުލާންކޮށްފި އެވެ.
އަދިތިޔާ ރޯއި ކަޕޫރް ޕްރޮޑިއުސްކޮށް، ރޯޝަން މެތިއު ޑައިރެކްޓްކުރާ މި ވަރުގަދަ އެކްޝަން ތުރިލާގެ ނަމަކީ "ދޭވާ" އެވެ. ކުރިން ބައެއް މީޑިއާތަކުން ބުނު ގޮތުގައި ޕޫޖާ ހެގްޅޭ ބަތަލާގެ ރޯލު ކުޅޭ ފިލްމުގެ ނަމަކީ "ކޮއި ޝަކް" އެވެ.
ނަމަވެސް ފިލްމުގެ "ދޭވާ" ކަން ކަށަވަރުކޮށްދީ، ފިލްމު ރިލީޒްކުރާ ތާރީހު ވެސް ހާމަކޮށްފައިވެ އެވެ. ބެލުންތެރިންނަށް ފިލްމު ދޫކޮށްލަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 11 ގަ އެވެ.
ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖޫންގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި އެކްޝަން ތުރިލާ "ބްލަޑީ ޑެޑީ" އެވެ.
އޭނަ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 7 އަށް ތާވަލުކޮށްފައި ވަނިކޮށް އަންނަ އަހަރުގެ ފެބްރުއަރީ 9 އަށް ފަސްކޮށްފައިވާ ފިލްމަކުންނެވެ. ކްރިތީ ސެނަން ބަތަލާގެ ރޯލު ކުޅެފައިވާ ފިލްމުގެ ނަން އަދި އޮތީ އިއުލާން ނުކޮށެވެ.