ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް ތައްޔާރުކޮށް ހުށަހަޅާފައިވަނީ ޤާނޫނުތަކާ ހިލާފަށް ކަމަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީ، ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސަޕްލިމެންޓަރީ ބަޖެޓް ތައްޔާރުކޮށް ހުށަހަޅާނެގޮތް މާލިއްޔަތު ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މިހާރު މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމެންޓަރީ ބަޖެޓް ތައްޔާރުކޮށް ހުށަހަޅާފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ނޫންކަމަށް ވިދާޅުވެފައިވެއެވެ.
އެގޮތުން އަލީ އާޒިމް ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް އެކުލަވާލުމުގައި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބާއި، ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓްގެ ތަފްސީލު ހިމަނާފައި ނުވާކަމަށެވެ.
"މިގޮތުން ސަޕްލިމެންޓްރީ ބަޖެޓްގެ ޚަރަދުގެ ބޮޑުބައި ހިމެނިފައިވާ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި މިނިސްޓްރީ އޮފް ފައިނޭންސްގެ ދަށުން ބަލަހައްޓާ ހާއްސަ ބަޖެޓުން ހަރަދުކުރާނޭ ޕްރޮގްރާމްތަކުގެ ތަފްސީލު ވަކިވަކިން އެނގެން ނެތްކަން ސަޕްލިމެންޓްރީ ބަޖެޓްކަމަށް ބަޔާންކުރާ ލިޔުމުން އެނގެއެވެ." އަލީ އާޒިމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އަލީ އާޒިމްގެ ސިޓީގައި ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ބަޖެޓުން ހަރަދު ކޮށްފައިވަނީ ޤާނޫނުއަސާސީއާ އެއްގޮތަށްކަން ކަށަވަރުކުރުމަށް ސަޕްލިމެންޓްރީ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމާއި ހަމައަށް 2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓުން ކޮށްފައިވާ ހަރަދު ހިމެނުމަކީ، ޤާނޫނުއަސާސީއާއި ޤާނޫނުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ޒިންމާދާރުކަމާއިއެކު އަދާކުރުމުގައި މުހިންމު ކަމެއް ކަމަށެވެ.
ސިޓީގައި އަލީ އާޒިމް ވަނީ ތަކުރާރުކޮށް ސަޕްލިމެންޓްރީ ބަޖެޓްގެ ނަމުގައި ފޮނުވާފައިވާ ލިޔުމަކީ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނާއި އެއްގޮތަށްވާގޮތުގެ މަތިން ހުށަހަޅާފައިވާ ބަޖެޓެއް ނޫންކަން ފާހަގަކުރައްވާފައެވެ.
"މިނިސްޓްރީ އޮފް ފިނޭންސްއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅިއްޖެކަމަށް ވަނީނަމަ ވެގެންދާނީ ނުރަނގަޅު އާދައެއް ފެށި ތަކުރާރުވާން ހުޅުވިގެންދާ ޖާގައަކަށެވެ." އަލީ އާޒިމްގެ ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިނިސްޓަރ @iameeru ފޮނުއްވާފައިވާ ސަޕްލިމަންޓްރީ ބަޖެޓާ
ގުޅޭގޮތުން އަޅުގަނޑުމެން @TheDemocratsMV
ދެކޭގޮތް!
ރައްޔިތުންގެ ފައިސާ ގާނޫނު ތަކާ ހިލާފަށް ބޭނުންކުރަން
ވިސްނައިގެން ނުވާނެ. ރައްޔިތުންނަށް އޮޅުވާނުލާ ! pic.twitter.com/4hJhZmcrWK
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) October 24, 2023
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޮތީ މިއަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށްވެސް އެޖެންޑާ ކޮށްފައެވެ.