Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް ލަސްވާތީ ކަންބޮޑުވުން

ބޮމުގެ ހަމަލާގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަނު ކުރެއްވި މަންދޫބު އައްބާސް ފާއިޒް- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ޝަރީއަތުގެ ސްޕީޑް ލަސްކަމަށް ވިދާޅުވެ އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަނު ކުރެއްވި މަންދޫބު އައްބާސް ފާއިޒް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްބާސް ފާއިޒް ވިދާޅުވީ ބޮމުގެ މައްސަލައިގެ ޝަރީއަތް ކުރިއަށްދާލެއް ލަސްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށާއި، އެގޮތުން އުއްތަމަފަނޑިޔާރު އަދި ޖޭއެސްސީއަށްވެސް އެ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ.

ޝަރީއަތްތައް ލަހުން ކުރިއަށްދިއުމަށް އެކި ސަބަބުތައް މެދުވެރިވާކަން މުއައްސަސާތަކުން ފާހަގަކުރައްވަކަމަށް އައްބާސް ވިދާޅުވިއެވެ. އެގޮތުން މިހާރު ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަކީ އެފަދަ އެއް ސަބަބުކަން ފާހަގަ ކުރެއްވިއެވެ.

އައްބާޒް ފާއިޒް ވިދާޅުވީ ބޮމުގެ ހަމަލާގައި އެއްވެސް ސިޔާސީ ބައެއްގެ ބައިވެރިވުން އޮތްކަމުގެ ހެކި ފެންނަން ނެތްކަމަށާއި އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު ހާމަކުރެއްވުމަށް ރައީސް ނަޝީދު ގޮވާލި ގޮވާލުމާވެސް މި ހަމަލާއާ ގުޅުމެއް ނެތްކަމަށެވެ.

މީގެއިތުރުން މި މައްސަލަ ބެލުމަށް އެންމެ ފުރަތަމަ ބެންޗެއް އެކުލަވާލުމުން ހިތްހަމަ ޖެހުނުކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ ފަހުން އެ ބެންޗުން ބައެއް ފަނޑިޔާރުން ތަނާޒުލުވިވުމާމެދު ސުވާލު އުފެދޭކަމަށެވެ. އަދި އެކަމުގައިވެސް ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރެއްވިކަމަށް ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޝަރީއަތް ހިނގާލެއް ލަސްކަން ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން އައްބާސް ފާހަގަކުރެއްވިއިރު، މީގެކުރިންވެސް އައްބާސް މި ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

2021 މޭ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވީ މައްސަލައިގައި އިއުތިރާފުވި އަހުމަދު އަދުހަމްގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް 25 އަހަރުގެ ހުކުމެއް އިއްވާފައިވެއެވެ.

ބޮމުގެ ހަމަލާ ރޭވި މީހުން ކަމަށް ބުނެ ފުލުހުން ހައްޔަރުކުރި އަބްދުﷲ އަލީ މަނިކު އަދި މުހައްމަދު ތަސްލީމްގެ މައްޗަށް ފުލުހުން އުފުލީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. މި ދައުވާ އަބްދުﷲ އަލި މަނިކުގެ މައްޗަށް ސާބިތުވެ 5 އަހަރުގެ ހުކުމެއް އިއްވިއިރު، ތަސްލީމުގެ މައްޗަށް މި ދައުވާ ސާބިތު ވެފައެއް ނުވެއެވެ.

ބޮމުގެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ ފަހުމީ އަލީ، މުހައްމަދު ނާޒިމް، އިސްހާގު، އަލީ ހައިޝަމް އަދި މުޖާޒް އަހުމަދުގެ މައްޗަށެވެ. އެމީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދިވެސް ކުރިއަށްދާއިރު މިއަހަރުގެ ނިޔަލަށް އެ ޝަރިއަތް ނިންމުމަށް އޮތީ ތާވަލެއް އެކުލަވާލާފައެވެ. އެހެންނަމަވެސް އެ ތާވަލު ހާމަކުރި އަޑުއެހުމަށްފަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިހާތަނަށް ބޭއްވިފައެއް ނުވެއެވ ެ.